ކޮވިޑް-19 އިން ދިފާއު ވުމަށް އުފައްދާފައިވާ ވެކްސިން ޖެހުން ރާއްޖޭގައި މަޖުބޫރު ނުވާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ކޮވިޑް ވެކްސިންއާ ގުޅޭ ގޮތުން އާންމު ކުރި މައުލޫމާތުގައި އެޗްއީއޯސީން ބުނީި ވެކްސިން ޖެހުން މަޖުބޫރު ނުވާނެ ކަމަށާއި ވެކްސިން ޖެހުމަކީ އޭގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމެއް ކަމަށެވެ. އަދި ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ، އާންމު ހާލަތަށް ރުޖޫއަވުން އަވަސް ވާނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
ހަމައެއާއެކު، ވަކިފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށް ދޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަކީ މުޅި ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ހިނގާ ކަމަކަށް ވާއިރު، އެފަދަ މީހުންނާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯ، މިއީ ވެސް ކުރެވޭ ސުވާލެކެވެ. އެޗްއީއޯސީން ބުނީ ވެކްސިން ޖެހުމާއި ދެކޮޅުހަދާ މީހުންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކީ އެމީހުންނާށް ތެދު މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެޗްޕީއޭ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި ޔުނިސެފް ފަދަ އިތުބާރު ހުރި ފަރާތްތަކުން ތެދު މައުލޫމާތު ހޯދުމަށް ބާރު އެޅުމާއި އެ މައުލޫމާތު ހޯދާނެގޮތް އާންމުންނާއި ކަމާބެހޭ ފަރާތްތަކަށް އުގަންނައި ދިނުން ހިމެނެއެވެ.
މިހާތަނަށް ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެޗްއީއޯސީން ބުނީ، ކޮވިޑް-19 އާ ދެކޮޅަށް 'ހާޑް އިމުއިނިޓީ' ހާސިލު ކުރުމަށް ވެކްސިން ދޭން ޖެހޭ އާބާދީގެ ޕަސަންޓޭޖު ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ހާޑް އިމިއުނިޓީ މިކިޔަނީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު ޕަސަންޓޭޖެއް ހޭނި އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމަށެވެ.
ހާޑް އިމިއުނިޓީ ލިބުމުން މުޖުތަމައެއްގައި ދިރިއުޅޭ ހާއްސަ ހާލަތްތަކުގައި ބައެއް މީހުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، އެ މުޖްތަމައުގައި ދިރިއުޅޭ އެންމެން ތިބޭނީ މި ބަލިން ރައްކާތެރި ވެފައެވެ. އެކި ބަލިތަކުގައިހާޑް އިމިއުނިޓީ ހާސިލު ކުރުމަށް ބަލިން ރައްކާތެރިވެފައިވާ އާބާދީގެ ޕަސަންޓޭޖް ހުންނަން ޖެހޭ މިންވަރު ތަފާތު ވާނެއެވެ.