އެއްވެސް މީހަކު ބާކީ ނުކޮށް، އިންސާފާއި ހަމަހަމަ އުސޫލަކުން ހުރިހާ އެންމެނަށްވެސް ބައިވެރިވެވޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމެއް އުމުރު ދުވަހަށް ހާސިލު ކުރުމުގެ އަމާޒު ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ 4 ވަނަ އަމާޒަށް ވާސިލުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ، ތައުލީމުގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ.

ތައުލީމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ދުވަހުގެ މުނާސަބާއާ މިއަދު ބައްދަލު ކުރަން ޖެހިފައި މިވަނީ، ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، އެތައް ޒާމަނެއް ވަންދެން ތަންފީޒު ކުރަމުން ދިޔަ ތައުލީމު ފޯރުކޮށްދިނުމާއި އިލްމު ހާސިލު ކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރު ކުރުވާފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދިނުން މެދުކަނޑާލާފައި އޮތުމަށްފަހު، މާލޭ ޒޯން ސަރަހައްދުގެ ޓީޗަރުންނާ ދަރިވަރުން، އޮކްޓޯބަރު 4، 2020 ގައި ސްކޫލްތަކަށް ހާޒިރުވަނީ/ފޮޓޯ: އެމްއޯއީ

ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި، އިލްމު ފޯރުކޮށްދޭ އެތައް ސަތޭކަ ހާސް މުއައްސަސާއެއް ބަންދުކުރަން ޖެހުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 190 ގައުމަކުން، 1.6 ބިލިއަން ދަރިވަރުންނަށް މިކަމުގެ އަސަރު ފޯރިއެވެ. އާ އަހަރެއް ފެށިފައި ވާއިރު، ރައްކާތެރި، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ތާއަބަދަށް އިލްމު ކަށަވަރު ކުރަނިވި ވެއްޓއް ގާއިމު ކޮށްދިނުމަށް ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށް މިވަނީ އިހުނަށް ވުރެ ބޮޑަށް ބޭނުން ޖެހިފައެވެ.

ތައުލީމުގެ ތެރެއިން ލިބިގަންނަ އިލްމަކީ އޭގައި ހައްދެއް އޮތް އެއްޗެއް ނޫނެވެ. ދިވެހިން އެ ދީނެއްގެ މަތީގައި ސާބިތުވެ މިތިބި، މާތްވެގެންވާ އިސްލާމް ދީނަކީ އުނގެނުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދީނެކެވެ. އެކަން އެންމެ ފުރަތަމަ ބާވާލެއްވި ވަޙީ ބަސްފުޅުގައި "إِقْرَأْ" ކިޔަވާށެވެ! މި ފަދައިން ވަޙީކުރެއްވުމުން ސާފުކޮށް ދޭހަވާކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކުމެ ގަބޫލުކުރާނެއެވެ. ﷲއަށް އީމާންވީ މީހުންނާއި އިލްމުވެރިންގެ ދަރަޖަ އެ ނޫން މީހުންނަށް ވުރެ އެތައް ދަރަޖައެއް މަތިވެރިއެވެ.

ޕްރީ ސްކޫލް ދަރިވަރުން / ފޮޓޯ: ކިންޑާ ޕްރީސްކޫލް

އިލްމަކީ އިންސާނީ ހައްގެކެވެ. އިބްތިދާއީ ތައުލީމަކީ އަސާސީ ހައްގެއް ކަމަށް ދުނިޔަވީ ގާނޫނުތަކުގައިވެސް ބަޔާންކޮށްފައިވެއެވެ. ތަރައްގީއާއި ތަހުޒީބުގެ މަގަށް ހުޅުވާލާ ދޮރޯށީގެ ތަޅުދަނޑިއަކީވެސް އިލްމެވެ. އިންތިހާ ފަގީރުކަމުގެ އަނދަވަޅުން އަރައިގަތުމަށް އޮތް ހަރުގަނޑަކީވެސް އިލްމެވެ. އަނދިރިކަމުގެ ތެރެއިން އަލިކަން ގެނެސްދޭ ދަންމަރަކީވެސް އިލްމެވެ.

ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު އެތައް ބަޔަކު ވަނީ މި ނިއުމަތުން މަހްރޫމުވެފައެވެ. 265 މިލިއަން ކުޑަކުދިންނާއި ޅަ އުމުރުގެ ޒުވާނުން ވަނީ އިލްމުގ ހާސިލު ކުރުމުގެ ނަސީބުން މަހްރޫމުވެފައެވެ. ނުވަތަ ސްކޫލް މަރުހަލާ ފުރިހަމަ ކުރުމުގެ ނަސީބު އަތުން ބީވެފައެވެ. 617 މިލިއަން ކުޑަކުދިންނާއި ޅަ އުމުރުގެ ޒުވާނުންނަކީ އަސާސީ ފެންވަރަށް ކިޔަން ނުދަންނަ އަދި ހިސާބުވެސް ނޭނގޭ އާބާދީއެކެވެ.

ބީއެމްއެލްގެ އެހީއާއެކު ގާފަރު ސްކޫލްގައި ސެން ކްލާހެއް / ފޮޓޯ: ބީއެމްއެލް

ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ބަލާއިރު، ފަށާ ތައުލީމުގެ މަރުހަލާގައި ކުދިން އެންރޯލް ކުރާ ނިސްބަތް ވަނީ 91 ޕަސެންޓަށް އަރާފައެވެ. ނަމަވެސް، ޕްރައިމަރީ ސްކޫލް އުމުރުފުރާގެ 57 މިލިއަން ކުދިން އަދިވެސް ވަނީ ސްކޫލަކަށް ދިއުމުގެ ނަސީބު ނުލިބިއެވެ. ސްކޫލަކަށް ދިއުމުގެ ނަސީބުން މަހްރޫމުވެފައިވާ ކުދިންގެ އާބާދީއަށް ބަލާއިރު، 50 ޕަސެންޓް ހިއްސާ ކުރަނީ، އެ ކުދިންނަށް ދިރިއުޅެން ޖެހިފައިވާ ވެށީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިލްމު ހާސިލު ކުރުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ.

މިއީ ދުނިޔޭގެ ފެންވަރުގައި ތައުލީމަށް ހާއްސަކޮށްގެން އދއިން ދުވަހެއް ފާހަގަ ކުރަމުން އަންނަ 3 ވަނަ އަހަރެވެ. ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވަނީ، މި ބަލިމަޑުކަމުގެ ތެރޭގައި ފަސްޖެހުމެއް ނެތި ތެދުވެ، އިލްމު ފޯރުކޮށްދެމުންދާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ޢިމާދުއްދީން ސްކޫލް ޖުވެލް ސެންޓަރުގެ ދަރިވަރުން އެޑިއުކޭޝަން މިނިސްޓާ ޑރ ޢާއިޝަތު ޢަލީގެ ދިގުހެދުމުގެ ފަރުމާ ތައްޔާރުކުރަނީ/ފޮޓޯ: ރަހުމާ އީސާ

ކޮވިޑް-19ގެ ސަބަބުން އިލްމީ ދޮރޯށިތައް ބަންދު ކުރަން ޖެހުނު ނަމަވެސް، އުއްމީދީ އަދި އިޖާދީ މަގުތަކުން އިލްމު ފޯރުކޮށްދީ، އިލްމު ހާސިލު ކުރުމުގެ ނަސީބުވެސް ބައެއްގެ އަތުގައި ހިފިކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. ޖީލުތަކަށް ދެމިގެންދާ ކާރިސާއަކުން މި ދުނިޔެ ސަލާމަތް ކުރުމަށްޓަކައި އިލްމު ފޯރުކޮށްދިނުމާއި ހާސިލު ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭންޖެހެއެވެ.

2021 ވަނަ އަހަރާ ބައްދަލުކޮށްފައި ވާއިރު، އިލްމާ މެދު އާ ނަޒަރަކުން ވިސްނަން ޖެހިއްޖެއެވެ. މުދައްރިސުން ތަމްރީނު ކުރުމުގެ އުސޫލުތަކަށްވެސް ބަދަލު ގެންނަން ޖެހޭކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. ތާއަބަދަށް އިލްމު ޕްރޮމޯޓްކޮށް، ކުރިއަރުވަން ޖެހެއެވެ. ކޮވިޑް-19ގެ މި ޖީލަށް، އިލްމުގެ ދުނިޔެއިން އާ އުއްމީދެއް ގެނެސްދޭން ޖެހެއެވެ.