ކުނި ނައްތާލުމުގެ ކަންކަން ބަލަހައްޓަމުންދާ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަގާމުން ދުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
ބޮންޑޭ މިހެން ވިދާޅުވީ، ކ. މާފުށީ، ކުނި ނައްތާލުމުގެ މައްސަލައަށް ހައްލެއް ނުލިބި މިހާރު މާފުށީގައި ކުނި ނައްތާލުމަށް އަމަލު ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ، ބާ ބެޓެރިތައް ވިހަ ކެމިކަލްތަކާ އެކު އަންދަމުން ދާ މާފުށީ ކުނިގޮނޑުން ވިހަ ދުމާއި ނުބައި ވަސް އަރަމުން ދާ ކަމަށެވެ. އެގޮތުން މިހާރު މާފުށީގައި ކުނި އަންދަމުން ދާ ގޮތުގެ ސަބަބުން އެ ރަށުގައި ހިންގާ ރެސްޓޯރަންޓް ތަކާއި ގެސްޓު ހައުސް ތަކަށް އެ ދުމުގެ އަސަރު ކޮށްފައި ވާ ކަމަށެވެ.
މާފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނީ އާންމު ސިއްހަތައް ނުރައްކާވާ ގޮތަށް ކަމަށް ސިފަ ކުރައްވަމުން ބޮންޑޭ އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން ފަތުރުވެރިކަން ޑީމޯޓް ވަމުންދާ ކަމަށެވެ. އެހެންކަމުން ކުނި މެނޭޖްކުރުމުގެ ކަންކަމާ ހަވާލުވެ ހުންނެވި "ކުނި ވަޒީރު" މަގާމުން ދުރުކުރާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކ. މާފުށީގައި ކުނި އަޅާ ސަރަހައްދުން މޫދަށް ކުނި އެޅި އެ ސަރަހައްދު ކުނިން ފުރިފައިވާ ފޮޓޯތަކާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މިކަމާ ބެހޭ ގޮތުން ފާޑު ކިޔާފައެވެ. އަދި މި ކަމުގައި މާފުށީ ކައުންސިލަށް ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
މާފުށީގައި ކުނި މެނޭޖް ކުރުމަށް އެކަށީގެންވާ ޖާގަ އާއި ވަސީލަތްތައް ނެތްކަމަށް ބުނެ ރަށުގެ ފަޅުން ބައެއްގައި ދާ ޖަހައިގެން ކުނި މެނޭޖް ކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް ދާގަނޑުން ތަންތަން ކޮޅު ކަނޑައިގެން ގޮސް ކޮށި ޖަހާފައިވާ ސަރަޙައްދުން ބޭރަށްވެސް ކުނި ދާތީ ރަށުގެ ރައްޔިތުން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އަލަށް ހިއްކާފައިވާ ސަރަހައްދަށް ވެސް ކުނި ޖަމާވެ މާފުށީ ކައިރީގައި ހުރި ފަރުތައް ވެސް އަންނަނީ ތަޣައްޔަރު ވަމުންނެވެ.
މިކަމާ ގުޅިގެން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެރަށު ކައުންސިލަށް އިންޒާރު ދީފައެވެ. އެ ގޮތުން ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް އެރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އެ އެޖެންސީއަށް ހުށައެޅުމަށް އީޕީއޭއިން ވަނީ އަންގާފައެވެ. އަދި ރަށުގައި އުފެދޭ ކުންޏަށް މިހާރު ހަދަމުން އަންނަ ގޮތް ވެސް ތަފްސީލާއެކު ހުށައެޅުމަށް ވެސް އީޕީއޭއިން ވަނީ މަފުށީ ކައުންސިލަށް އަންގާފައެވެ.
މީގެއިތުރުން ކުނި މެނޭޖްކުރާނެ ސެންޓަރެއް ގާއިމު ކުރެވެން ދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅާ އެކަމުގެ ހުއްދަ އީޕީއޭއިން ނެގުމަށާއި ރަށުގައި ބަހައްޓާފައި ވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށް ވެސް އީ.ޕީ.އޭއިން މަފުށީ ކައުންސިލަށް އަންގާފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ބޮންޑޭ ޑރ. ހުސެއިން ރަޝީދު މަގާމުން ވަކިކުރުމަށް ގޮވާލައްވާފައި ވާއިރު، މީގެ ކުރިންވެސް އެންވާރަމަންޓް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ ގޮވާލައްވާފައެވެ. އޭނާ މިހެން ގޮވާލައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައެވެ.