އއ. މަތިވެރިން ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ އިއްޔެ އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ ދެމަފިރިން ކަމަށާއި ޕޮޒިޓިވް ވެފައި ވަނީ ހޯމް ލަރަންޓީން 10 ދުވަސް ހަމަކުރުމަށް ފަހު ނެގި ސާމްޕަލުން ކަމަށެވެ.

އެމީހުންގެ އެއްވެސް ކޮންޓެކްޓެއް މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،765 އަށް އަރާފައެވެ.

އޭގެ ތެރެއިން މިއަދު 44 މީހަކު ރަނގަޅު ވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،683 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1025 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިއަދު 50 އަށް އަރަފައިވާއިރު މިއަދު ހެނދުނު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެންކަމުން މިހާރު މި ބަލީގައި ނިޔާވެފައި ވަނީ 43 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 50 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.