ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ރައީސް ތަސްދީގު ކުރެއްވި ބިލަކީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުން މަޖިލީހުގައި ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއިން ފާސްކޮށްފައި ވާ ބިލެވެ. މި ބިލާ އެކު ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 ގެ 7 ވަނަ މާއްދާ ވަނީ އިސްލާހު ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، މި ގާނޫނު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައި ކަމަށާއި މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

ލޯކަލް ކައިންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އެ ގާނޫނުގެ ދަށުން ފަސްކޮށްފައި ވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަންޖެހޭ މަސައްކަތްތައް ފަށަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ. ހަމައެއާއެކު، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއިލާނު ކޮށްފައި ވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތް ވާ ގޮތުގެ މަތިން ކަމުގައި ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އިންތިހާބުގެ ކަންކަން އަލުން ފެށުމާއި، އިންތިހާބާ ގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އުސޫލުތައް ވެސް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. 2020 ވަނަ އަހަރު ބޭއްވުމަށް ތައްޔާރު ވަމުން ދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ ދަށުން ފަސްކޮށްފައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެންނެވެ.