އައްޑޫ އިސްމެހެލަ ހެރަ ނުވަތަ ސައުތް ޕާމް ރިސޯޓް މޯލްޑިވްސުން ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ސައުތް ޕާމް ރިސޯޓުން ޕޮޒިޓިވް ވެފައި ވަނީ، ޗުއްޓީ ނިންމުމަށްފަހު ޑިޕާޗާގައި ސާމްޕަލް ނެގި ދެ ފަތުރުވެރިއެއް ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައި ވާއިރު، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނީ 3 ސްޓާފުން ކަމަށް އެ ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުން ބުނީ، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ސްޓާފުންގެ ސާމްޕަލް ނަގާފައި ވާ ކަމަށާއި، އަދި ނަތީޖާ ނުލިބޭ ކަމަށެވެ.

ސައުތް ޕާމް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާއިރު، މިފަހަކަށް އައިސް ރިސޯޓްތަކުން ފެންނަ ޕޮޒިޓިވް ކޭސްތައް ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ. ހާއްސަ ގޮތެއްގައި ސްޓާފުންގެ މެދުގައި ފެންނަ ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ އަލީ ރައްޒާން ވިދާޅުވީ، ރިސޯޓްތަކުގައި މިހާރު މުވައްޒަފުން ޕޮޒިޓިވްވަމުން ދަނީ ކަރަންޓީނަށް ދާ މުވައްޒަފުންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މުވައްޒަފުންގެ ތެރެއިން ފެންނަ ޕޮޒިޓިވް ކޭސްތަކާ ފަތުރުވެރިންނާ ގުޅުމެއް އޮތް ކަމަށް ނުފެންނަ ކަން ފާހަގަ ކުރައްވަމުންނެވެ. .

ރިސޯޓްތަކުގައި މުވައްޒަފުން ޕޮޒިޓިވް ވާ އަދަދު ގިނަވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައްޒާން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިންނާ ބައްދަލުވާއިރު، ނުވަތަ ޑިއުޓީގައި އުޅޭއިރު މުވައްޒަފުން ގައިިޑްލައިންތަކަށް ހާއްސަ ސަލާމުކަމެއް ދޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން، ޑިއުޓީއަށްފަހު ސްޓާފް އޭރިއާގައި އުޅޭއިރު ވެސް ގައިޑްލައިންތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.