ދޫނި ރޯގާ ފެތުރެމުން ދާ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނީ ރާއްޖެއަށް ދޫނި އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ރާއްޖެއަށް ދޫނި އެތެރެކުރުމަކީ މިބަލި ގައުމަށް އެތެރެވުމަށް އޮތް ފުރުސަތެއް ކަމަށް ބެލެވޭތީ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ ދޫނި އަދި އެހެނިހެން ޖަނަވާރު އެތެރެ ކުރާ ފަރާތަކަށް ސަމާލުކަން ގެނެސްފައި ވާ ކަމަށެވެ. އަދި މިކަމުގައި އުޅޭ ފަރާތްތަކަށް ލިޔުމުން މިކަން އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާ އަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔަނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމު ކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާ ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭނގުމުގެ ތެރޭގައެވެ.

ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތް ނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. ކުޑަކުދިންނަށް މިބަލި ޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބުނެއެވެ.