މިއަދު އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ޖެހޭނީ 50،000 މީހުންނަށް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ، މިއަދު ރާއްޖެއަށް ގެނެސްފައި ވަނީ އޮކްސްފޯޑް އަދި އެސްޓްރާޒެނެކާ އިން ލައިސަންސް ދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިން ކަމަށެވެ. މިއަދު ގެނައި 1 ލައްކަ ޑޯޒްގެ ވެކްސިނުން ޖެހޭނީ 50،000 މީހުންނަށް ކަމަށް އެޗްއީއޯސީން ބުނަނީ މީހަކަށް 2 ޑޯޒް ދޭން ޖެހޭނެތީއެވެ.

ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަން ޖެހެއެވެ. މި ވެކްސިން ގުދަން ކުރާއިރު ފިނިހޫނުމިން ހުންނަން ވާނީ 2-8 ސެންޓިގްރޭޑާ ދެމެދުގައެވެ.

އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި، މި ވެކްސިން ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށް ފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންނެވެ. މި ވެކްސިން ޖެހުމުން، ހުން އައުން، ވެކްސިން ޖެހި ތަނަށް ތަދުވުން، އަދި އެލާޖީ އެއް ވެދާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެ ސެންޓަރުން ބުނީ ވެކްސިން ޖެހުމުން ދިމާވެދާނެ ސައިޑް އިފެކްޓަކަށް ނުވަތަ އެލާޖީއަށް އެ ސެންޓަރުން ތައްޔާރުވެފައި ވާހަކަމަށެވެ.

އެ ސެންޓަރުން އިތުރަށް ބުނީ އާ ވެކްސިނެއް ޖެހުމަކީ ބޮޑު ތައްޔާރީތަކެއް ވާންޖެހޭ ކަމެއް ކަމަށާއި، ކޮވިޑް ވެކްސިން ޖަހަން ފަށާނީ ވާން ޖެހޭ ހުރިހާ ތައްޔާރީތައް ރަނގަޅަށް ވުމަށް ފަހު ކަމަށެވެ. އަދި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށް ކަމަށާއި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އެއަށް ފަހު ވެކްސިން ދޭނީ 18-50 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށާއި، ޓީޗަރުންނާއި، ޕޮލިހުންނާއި، ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށެވެ. މިވަގުތަށް ކުޑަ ކުދިންނާއި މާބަނޑު މީހުންނަށް ވެކްސިން ނުދޭން ރާއްޖެއިން ނިންމާފައި ވާއިރު، އެ ފަރާތްތަކަށް ދޭން ކަނޑައަޅާ ވެކްސިންގެ ޓްރައަލްސް، ވެކްސިން ހަދާ ފަރާތްތަކުން އަދިވެސް ގެންދަނީ ކުރިއަށެވެ.