ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އެންމެ އެންމެ ރަނގަޅީ، ކޮވިޑް-19ގެ ވެކްސިންދީ ނިމުމަށްފަހު، އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އަވަސްއަރުވާލައިގެން އިންތިހާބު ބޭއްވުމަށްވުރެ ދިވެހި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ނިމުމުން ޖޫން މަހަށް އިންތިހާބު ފަސްކުރުން ބުއްދިވެރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު ރާއްޖެއަށް ލިބިފައި ވާތީއެވެ.

އެބައްދަލުވުމުގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިނުގެ ޑްރާފްޓާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުންނާއި، ކަމާބެހޭ އިދާރާތަކުން ވަނީ ބަހުސްކޮށްފައެވެ.

އެގޮތުން ފާހަގަކޮށްފައިވަނީ، އީސީގެ އޮފިޝަލުންނާއި ރަށްތަކަށްދާ ފަރާތްތަކުން 10 ދުވަހަށް ކަރަންޓީނުވާންޖެހުމާއި، ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ނެތްކަމަށް ބުނާ މައްސަލައެވެ. މީގެ އިތުރުން ކޮވިޑަށް ފޮޒިޓިވްވެފައިވާ ފަރާތްތަކާއި، ކަރަންޓީން އަދި އައިސޮލޭޝަނުގައި ތިބި ފަރާތްތަކަށް ވޯޓު ލެވޭނެ އިންތިޒާމާ ގުޅޭގޮތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އީސީން ބުނީ، ކޮވިޑަށް ޕޮޒިޓިވް މީހެއް ވޯޓުލާ މަރުކަޒަށް އައުމަކީ ނުވަތަ ގެނައުމަކީ، އާންމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށް ވޯޓުލާ އަންނަ ގިނަ ބަޔަކު ގަބޫލުކުރާއިރު، އެފުރުސަތު އެފަރާތްތަކަށް ދިނުމަކީ ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ވޯޓުލުމުގެ ހައްގު ވެސް ލިބެންޖެހޭ ކަމަށް އެ ކޮމެޓީގެ ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.