ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނައުމަށް ފަހު ރައްކާކުރާ ތަނުގެ ކަރަންޓާއި ގުޅުން ހުރި މަސައްކަތްތައް ކުރިޔަށްދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކޮވިޑްގެ ވެކްސިން ރައްކާކުރުމަށް ހަމަޖެހިފައިވާ ތަނުގެ ކަރަންޓާއި ގުޅުންހުރި މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި އެކަމުގައި އެކުންފުނިން ކޮށްދެވެން އޮތް ހުރިހާކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އަވަށްޓެރި އިންޑިއާގައި ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑް ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށް ދޭނެއެވެ. އިންޑިއާގެ ވެކްސިން ޝިޕްމަންޓް ރާއްޖެ އަންނާނީ މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 02:00 ގައެވެ.
އިންޑިއާއިން ރާއްޖެއަށް ފޮނުވާ ވެކްސިނަކީ ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ސިއްކައާއެކު ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓެއް ކަމަށާ، މިއީ ފްރަންޓްލައިން ވޯކަރުންނާއި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ފޯރުކޮށްދޭ ވެކްސިން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.