ކޮވިޑް-19އަށް އިންޑިއާ އިން ތައްޔާރުކުރި ވެކްސިނާ ގުޅޭ އިތުރު މައުލޫމާތު ރައްޔިތުންނަށް ދީ ހޭލުންތެރި ކުރަން ޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކޮވިޑް ވެކްސިނާ ގުޅިގެން ޒައިދު ވިދާޅުވީ އިނޑިއާގެ ވެކްސިނަކީ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރު ކުރެވިފައިވާ އެއްޗެއްކަން އަދިވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަދި އެ ވެކްސިނާ ގުޅޭ އިތުރު މައުލޫމާތު ރައްޔިތުންނަށް ދީ ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ރާއްޖެއަށް މިއަދު ގެންނަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ "ކޮވިޝީލްޑް" ވެކްސިނެވެ.

އިންޑިއާގެ އަމިއްލަ އުފެއްދުމަކީ އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލާއި ބާރަތު ބައޮޓެކް ކުންފުނީގެ "ކޮވެކްސިން" އެވެ.

އަވަށްޓެރި އިންޑިއާގައި ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑް ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށް ދޭނެއެވެ. އިންޑިއާގެ ވެކްސިން ޝިޕްމަންޓް ރާއްޖެ އަންނާނީ މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 02:00 ގައެވެ.