ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، ދާދި ދެންމެއަކު ރާއްޖެ ގެނެސްފިއެވެ.
ކޮވިޑް-19އާ ދެކޮޅަށް އަވަށްޓެރި އިންޑިއާއިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން، އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އެ ގައުމުން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ފޯރުކޮށްދިން ގައުމަކީ ދިވެހިރާއްޖެއެވެ.
ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތަންފީޒު ކުރައްވަމުން ގެންދަވާ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ތެރެއިން، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ.
އޮކްސްފޯޑް/އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްގެ ވެކްސިން ހިފައިގެން ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
އިންޑިއާއިން ހަދިޔާ ކުރި ވެކްސިން ޑޯޒްތަކަކީ ފްރަންޓްލައިން ހިދުމަތްތެރިންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން، ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ވެކްސިން ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
2 ޑޯޒްގެ މައްޗަށް އެކުލެވޭ އޮކްސްފޯޑް/އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19އާ ދެކޮޅަށް 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް، ދިރާސާތަކުން ދައްކައެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖެއަށް މިއަދު ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓާއެކު، މި ބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމުގެ އުއްމީދު އާވެފައި ވާ ކަމަށް، މިއަދު މެންދުރުފަހު ގައުމާ މުހާތަބު ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ސިއްހީ މާހިރުންގެ އިރުޝާދާއެކު ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި ރާއްޖެއަށް ވެކްސިން ކަށަވަރު ވެފައި ވާ ކަމުގެ ޔަގީންކަން މިހާރު ލިބިފައި ވާކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.