ފެން ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސެވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާ ލޯގޯއެއް އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ލޯގޯ އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ޒަމާނީ ކުރިއެރުން ތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒު ކޮށްދޭ ލޯގޯއެއް ކަމަށެވެ.

މީގެ 25 އަހަރު ކުރިން އެ ކުންފުނި ވުޖޫދަށް އައީ އޭރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށްވާއިރު އެ ކުންފުނި އުފެދި، އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި، އިސްކުރުން ފެން ދޫކުރަން ފެށާ ޒަމާނީ ނަރުދަމާގެ ހިދުމަތް ދޭން ފެށި ކަމަށްވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުން ބަދަލުކުރި އާ ލޯގޯ އާއި ކުރީގެ ލޯގޯ / ފޮޓޯ: އެމްޑަބްލިއުއެސްސީ

އޭޕްރީލް 1، 1995ގައި އުފެއްދި އެމްޑަބްލިއުއެސްސީ އަކީ ދިވެހި ސަރުކާރުގެ 80 ޕަސެންޓް ހިއްސާ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެމްޑަބްލިއުއެސްސީ އެންމެ ފުރަތަމަ ދުވާލަކު 3900 ޓަނުގެ ފެން އުފެއްދީ އޭރު ކުންފުނީގައި ތިބީ ގާތްގަނޑަކަށް 60 މުވައްޒަފުންނާ އެކުއެވެ. ނަމަވެސް ފާއިތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ކުންފުނީގެ ކެޕޭސިޓީ ވަނީ ދުވާލަކު 30،043 ޓަނަށް އިތުރުކޮށް، މުވައްޒަފުންގެ އަދަދު 900 އަށް ވުރެ އިތުރުކޮށްފައެވެ.

އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަމަށް ނަމަވެސް، އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިންގެ ދާއިރާއަށް ވެސް އެކުންފުނީގެ އޮޕަރޭޝަންތައް މިހާރު ވަނީ ފުޅާކޮށްފައެވެ. އަދި މާލޭއިން ހިދުމަތްދޭން ފެށި ފެން ކުންފުނި ފަހުން ވަނީ ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، މާފުށި، ދުވާފަރު އަދި ކުޅުދުއްފުށްޓަށްވެސް ހިދުމަތް ފުޅާކޮށްފައެވެ.