ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ދޭން ނިންމާ، ފުރަތަމަ ޝިޕްމަންޓް މާދަމާ ރާއްޖެ އަންނާނެ ކަމަށް ހަބަރު ލިބިއްޖެއެެވެ.

އަވަށްޓެރި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ޑޯޒް ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށް ދޭނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ވެކްސިން ޝިޕްމަންޓް ރާއްޖެ އަންނާނީ މާދަމާ މެންދުރު ފަހު ރާއްޖެ ގަޑިން 02:00 ގައެވެ.

މި ޝިޕްމަންޓް ރާއްޖެ ފޮނުވަނީ ވައިގެ މަގުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އިންޑިއާގެ ނޫސްވެރިއަކު ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވާ ވެކްސިނަކީ ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ސިއްކައާއެކު ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓެއް ކަމަށާ، މިއީ ފްރަންޓްލައިން ވޯކަރުންނާއި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ފޯރުކޮށްދޭ ވެކްސިން ކަމަށް އެ ނޫސްވެރިޔާ ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށް ދެނީ އޮކްސްފޯޑްއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ނޫސްތަކުން މިކަން ހާމަ ކުރި ނަމަވެސް ދިވެހިރާއްޖޭގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.