ލޯކަލްކައުންސިލް އިންތިހާބަށް ކެމްޕޭން ކުުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ، އިދިކޮޅުން ސިވިލް ކޯޓަށް ހިނގައްޖެއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ޕާޓީން މިހާރު ނިންމާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ހަމަ ހަމަކަމާއެކު ކެމްޕޭންކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމި އިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ ކޯލިޝަނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަަމަށް ހައްލެއް ނުލިބޭނަމަ، ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް މީގެ ކުރިން އެ ކޯލިޝަނުން ވަނީ ދީފައެވެ.

އެ ކޯލިޝަނުން ބުނެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން ރަށްރަށަށް ދަތުރުކުރުމުގެ ހުރަސްތަކެއް އޮތް އިރު، ސަރުކާރުގެ އިސް ފަރާތްތަކަށް އެ ފުރުސަތު ލިބި އިދިކޮޅަށް އެ ފުރުސަތު ނުލިބޭ ކަމަށެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.