ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާތީ، އެކަން ދިރާސާކުރުމަށް ކަނޑޫފާތަކުން ނެގި ސާމްޕަލް އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވައިފިއެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނީ ކަނޑޫފާތަކުން ނެގި ސާމްޕަލްތައް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާއި ރާއްޖެއާ ދެމެދު ސައިންސާއި ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދާނެ މަސައްކަތެއް ކަމަށްވެސް އެ ގައުމުން ބުނެއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނެފައި ވަނީ އެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވާފައި ވަނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ.

އީޕީއޭ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ކަނޑޫފާ ތަކުން ނެގި ސާމްޕަލްތައް އިންޑިއާގައި / ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ރާއްޖޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކަނޑޫފާތައް މަރުވާކަން ފާހަގަ ކުރެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ހިމެނެއެވެ. އެއީ ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ ބޮޑެތި ކަނޑޫފާތަކެވެ. މިހާރު 11 ރަށެއްގެ ކަނޑޫފަލުން ގަސްތައް މަރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އީޕީއޭއާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ވަނީ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުގެ ދިރާސާއެއް ހަދައިފައެވެ. އެ ދިރާސާއިން ނެގި ސާމްޕަލްތަކަށް ބަލައި އެގްރިކަލްޗާ މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ ގަސްތަކަށް ގެއްލުން ދެނިވި ފަނިފަކްސާ ކެލާ އަދި ނޭކުރެންދޫ އިން ފެނުނު ކަމަށެވެ. އަދި ކެލާގައި ފަންގަސްގެ ބާވަތެއްގެ ސަބަބުން "ރޫޓް ރޮޓް" ނުވަތަ މޫ ފީވުން ފާހަގަ ކުރެވުނު ކަމަށެވެ.