އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީގެ ހިދުމަތް ދިނުމުގެ އިންތިޒާމްތައް ފުރަތަމަ ހަމަޖެހިގެން ދާނީ ހއ، ހދ އަދި ށ އަތޮޅަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ގައުމީ ފެރީ ވިއުގައިގެ ހިދުމަތް އިފްތިތާހުކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ހިދުމަތާއެކު ޕަބްލިކް ފެރީ ނެޓްވޯކް ތައާރަފު ކުރުމުގެ އެއް މަގްސަދަކީ ބައިބައިވެފައިވާ ރާއްޖޭގެ އާބާދީތަކަށް ފަސޭހަ ކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުން ކަމަށެވެ.

އެގޮތުން މި ހިދުމަތާއެކު ޕަބްލިކް ފެރީގެ ފުރަތަމަ މަރުހަލާގެ ދަށުން ހިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނީ ހއ، ހދ އަދި ށ އަތޮޅަށް ކަމަށާއި އެ ސަރަހައްދުގައި ފެރީގެ ހިދުމަތް ދިނުމަށް 40 އާއި 50 އާ ގާތްކުރާ އަދަދެއްގެ، ހައިސްޕީޑް ލޯންޗް ބޭނުންކުރާނެ ކަމަށެވެ.

މީގެ އިތުރުން ހަފްތާގެ ހުރިހާ ދުވަހެއްގައި ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ އިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ނިންމާފައި ވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި އެެއްވެސް ހިދުމަތެއް ހުއްޓިއްޖެ ނަމަ، ބެކަޕް ޕްލޭނެއް ވެސް ތައްޔާރަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެ ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އެ ހިދުމަތަކީ މި ސަރުކާރުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށާއި، އެ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް އިސްކަން ދެއްވާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫއާއެކު، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް މި ސަރުކާރުން ވި ވައުދު ފުދިގެން ދާނެ ކަމަށްވެސް ނަހިލާ ވިދާޅުވިއެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކް އިން 6 ރީޖަން ގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައި ލެވޭ އިރު، އެއް ރީޖަން އަނެއް ރީޖަން އާ ވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫގައި ސޮއިކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.