ރ. ކިނޮޅަހުގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހު ކޮށްދީފައި ވަނީ، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އަދި އިންގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކަމަށެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ފެން ކުންފުނިން ބުނީ، އެ މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކިނޮޅަހަށް ގެގޮސް، ހޮޅި ވަލުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި އެ މަޝްރޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސެލިޓީ ބިލްޑިންގެ 52 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި މަޝްރޫގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ 2 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައި ދީ، މަޝްރޫއު ނިމޭ އިރު ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިނޮޅަހުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 7.3 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމް ކުރުމާއި، 0.77 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ. ހަމައެއާއެކު ގޭ ގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މަޝްރޫ ނިމޭއިރު ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ. މީގެ އިތުރުން މި މަޝްރޫގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ގ، ހައުސިން އެންޑް އިންފްރާސްޓަރަކްޗާގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށް ގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ މަޝްރޫގެ މުއްދަތަކީ 22 މަސް ދުވަސް ކަމަށާއި އެ މަޝްރޫއަށް ޖުމްލަ 36,048,032 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.