ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރުނު އުމުރުން 86 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އެމީހާ މަރުވެފައި އޮއްވާ އެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށެވެ. އަދި އޭނާ އަކީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައުލޫމާތު ލިބިގެން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރާއިރު އެއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހެއްކަން ވެސް އަދި ޔަގީނެއް ނުވެއެވެ.

ހުޅުމާލެ ފޭސް 2 ގައި ބައެއް މީހުން އުޅެން ފަށަފައި ވާ އިރު އަދި އެ ސަރަހައްދުގައި އުޅެނީ ވަރަށް މަދު ބައެކެވެ. ހުޅުމާލެ ފޭސް 2 ގައި މީހުން ވަދެ ހެދުމަށްވެސް ހަމަޖެހިފައި އޮންނަނީ ވަަރަށް ކުޑަ ސަރަަހައްދަކަށެވެ. ނަމަވެސް ފޭސް 2 އަށް ގިނަ އަަދަދެއްގެ މީހުން މޫދަށް އެރުމަށް ގޮސް އުޅެއެވެ.