އަތޮޅު ތެރެއަށް ކޮވިޑް ބަލިމަޑުކަން ފެތުރިގެން ދިޔައީ މި ސަރުކާރުގެ އިހުމާލުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާލުވީ މިހާރު ގއ. ދެއްވަދުއާ ގުޅުން ހުރި ކޭސްތަކަކާ ގުޅިގެން 5 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އަދި ގއ. އަތޮޅުން އިތުރު 4 ރަށެއްގައި ރެންޑަމް ސާމަޕަލް ނެގުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީ ކިޔަމަންތެރި ވަމުން ދިޔަ އިރު ސަރުކާރާ ހެދި މިހާރު އަތޮޅު ތެރެއަށް ކޮވިޑް ބަލިމަޑުކަން ފެތުރިގެން ދިޔައީ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވެރިން އަތޮޅު ތެރެއަށް ދަތުރުތަކުގައި ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ސުޖާއު މިހެން ވިދާޅުވި އިރު މިދިޔަ އަހަރު ފަހު ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުތަކުގައި ސްކޫލް ދަރިވަރުން ބައިވެރިކޮށްފައި ވާތީ އެކަމަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ހަމަ އެ ދުވަސްވަރު ރައީސް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

ރައީސް އޮފީހުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން އޭރު ރައީސްގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ އެ ކޭސް އާ ގުޅިގެން ކޮންޓެޓް ޓްރޭސިންގެ މަސައްކަތް ނިމި ޕޮޒިޓިވް ވި މުވައްޒަފާއި ކޮންޓެކްޓު ވި އެހެން މުވައްޒަފުން ކަރަންޓީނު ކުރި ކަމަށެވެ. އަދި ޕޮޒިޓިވްވި މުވައްޒަފު، ރައީސް ސޯލިހުގެ އެއްވެސް ދަތުރުފުޅެއްގައި ބައިވެރިވެފައި ނުވާ ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

ރައީސް މިދިޔަ އަހަރު ފަހުކޮޅު ކުރެއްވި ދަތުރުފުޅުތަކުގެ ތެރޭގައި ގިނަ ސްކޫލް ދަރިވަރުންތަކެއް ބައިވެރިވެފައި ވަނީ ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ހަރަކާތުގައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިދޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުންވެސް ރައީސް ސޯލިހް ވަނީ ޅ. އަތޮޅު މާފިލާފުއްޓަށާއި ފެލިވަރަށް މި ދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ވަޑައިގެންފައެވެ. އެއަށްފަހު ލ އަތޮޅުގައި 3 މަސްރޫއެއް އިފްތިތާހު ކޮށްދެއްވުމަށް ވެސް ރައީސް ވަނީ ޑިސެމްބަރު މަހު ލ. އަތޮޅަށް ވަޑައިގެންފައެވެ.

މި ވަގުތު އަތޮޅު ތެރޭގައި ކޮވިޑް ބަލިމަޑުކަން ފެތުރެމުންދާތީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ 5 ރަށަކީ، ގއ. ދެއްވަދޫ، ގއ. ވިލިނގިލި، ގއ. ދާންދޫގެ އިތުރުން، ލ. ގަން އަދި ލ. ފޮނަދޫއެވެ. މީގެ ތެރެއިން ލ. ގަން އަދި ފޮނަދޫއަށް ރައީސް ވަނީ މިދިޔަ މަހު ދަތުރުފުޅު ކުރައްވާފައެވެ.