ތ. ކިނބިދޫގައި ފުރަބަންދުގައި ތިބި 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް ވިދާޅުވީ، އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު މި މަހުގެ 11 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ދެމަފިރިންނާއި އެމީހުންގެ 13 އަހަރުގެ ދަރިފުޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ދެމަފިރިންނަކީ 50 އަހަރުން މަތީގެ ދެ މީހުން ކަމަށާއި އޭގެތެރެއިން ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާއަކީ ކުރިން ވެސް ފުއްޕާމޭގެ މައްސަލަތައް ހުރި މީހެއް ކަމަށާއި މިހާރު ނޭވާ ލުމުގައި އުނދަގޫތަކެއް އޭނާ ތަހައްމަލު ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ލ. އަތޮޅުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މޫސުން ތަން ނުދިނުމުގެ ސަބަބުން ނުފުރި މަޑުކުރަން ޖެހިފައި ތިބި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ފުރަބަންދުގައި ތިބި މި އާއިލާ ކޮވިޑަށް ޓެސްޓު ކޮށްފައި ވަނީ ބަލީގެ އަލާމަތްތައް ފެނުމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ މާލޭގައި ތިބުމަށްފަހު ސްކޫލް ހުޅުވެންވާއިރަށް ރަށަށް އަނބުރާ ދިޔަ އާއިލާއެއް ކަމަށާއި މިހާރު ވެސް އެރަށުގައި ފުރަބަންދުގައި 50 އެއްހާ މީހުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ބައްޔަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ބައެއް ރަށްތައް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ގޮތުން ގއ. ދެއްވަދޫ އާއި ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން ލ. ގަން، ފުނަދޫ އަދި ކައްދޫ ވެސް ހިމެނެއެވެ.
މިހާތަނަށް އައި އިރު ދެއްވަދޫން 39 ކޭސް ފެނިފައިވާ އިރު ވިލިނގިލިން ވަނީ ދެއްވަދޫ ކޭސްއާ ގުލޫން ހުރި ދަރިވަރެއް ފެނިފައެވެ. އަދި ދާންދޫ އިން ވެސް ދެއްވަދޫ ކޭސްއާ ގުލޫން ހުރި ކޭސްތަކެއް ފެނިފަިއވާ ކަމަށް މައުލޫމާތު ލިބެއެވެ.
ލ އަތޮޅުގެ ތިން ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިހާތަނަށް ގަމުން ރެންޑަމް ސާމްޕަލްގެ ގޮތުގައި 297 ސާމްޕަލް ނަގާފައިވާ އިރު، ފޮނަދޫން 125 ސާމްޕަލް ވަނީ ނަގާފައި ކަމަށް މައުލޫމާތު ލިބެއެވެ.