އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ 27 މުވައްޒަފުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮޒިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. އަދި އެ ރިސޯޓުން ޕޮޒިޓިވް ވެފައިވާ އެންމެންނަކީ އެ ރިސޯޓުގެ ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ކޭސްއާ ގުޅޭ އިތުރު މައުލުމާތު ހިއްސާ ކުރަމުން އެޗްޕީއޭއިން ބުނީ މި މަހުގެ 3 ވަނަ ދުވަހު އެ ރިސޯޓުގެ ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެކޭސް އާ ގުޅިގެން 8 ކޮންޓެކްޓުން ކަރަންޓީން ކުރި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެއަށްފަހު މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި 4 ސްޓާފުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މި މީހުންގެ ތެރޭގައި ފުރަތަމަ އެ ރިސޯޓުން ފެނުނު ކޭސްގެ ކޮންޓެކްޓްސް އެއް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މި ކޭސްތަކާ ގުޅިގެން އިއްޔެ އެ ރިސޯޓުން ރެންޑަމް 98 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ތެރެއިން 19 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި އިތުރު 8 މުވައްޒަފުން ވެސް ވަނީ ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެން ކަމުން މިހާރު އެ ރިސޯޓުން 32 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ރާއްޖެއިން 59 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ރިސޯޓު ތަކުން ވަނީ 33 ކޭސް ފެނިފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުން 17 ކޭސް އަކާއި އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 9 ކޭސްއެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ނެރުނު ތަފާސް ހިސާބު ތަކުން ދައްކައެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވެފައި ވަނީ 38 މީހެކެވެ.