އިންތިހާބު އަވަސް ކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މި މަހުގެ 17 އަށް ތާވަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިއަދު ފުރަތަމަ ކިޔުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އިބްތިދާއީ ބަހުސް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ދައުރުން ބޭރުން މީރޭގެ ޖަލްސާ ބާއްވާފައި ވަނީ މަޖިލީހުގެ 29 މެންބަރުން ސޮއި ކުރައްވާ މި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅުއްވާފައި ވާތީ ކަމަށް އީވާ ވިދާޅުވިއެވެ. މި ޖަލްސާ ބާއްވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބާއްވަން އިއުލާން ކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ލަސްވަމުން ދާތީ، އިތުރަށް ލަސްވިޔަ ނުދިނުމަށް ގާނޫނަށް އިސްލާހު ގެނެސް އިންތިހާބު އަވަހަށް ބޭއްވުމަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން މި އިސްލާހު ގެނެވެންދެން ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށް އީވާ ވިދާޅުވިއެވެ. މިރޭގެ ޖަލްސާ ފެށުމަށް ފަހު ނިންމަވާ ލައްވަމުން އީވާ ވިދާޅުވީ ދެވަނަ ޖަލްސާއެއް ބާއްވާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ދާނީ އިބްތިދާއީ ބަހުސް ކަމަށާއި އެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް އީވާ ވިދާޅުވިއެވެ. އެއަށް ފަހު ކޮމިޓީ މަރުހަލާއަށް ގޮސް އެކަމަށް ތިން ދުވަސް ދިނުމަށް ފަހު އަލުން އަނބުރާ ވޯޓަކާ ހަމައަށް ބިލް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ 51 މެންބަރުންނެވެ. 7 މެންބަރުން ސަލާމުގައި ތިއްބެވި އިރު 1 މެންބަރެއް ހުންނެވީ ކަރަންޓީނުގައި ކަމަށް އީވާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.