ގއ. ދެއަވަދޫން އިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ އިރު އެ ރަށުގައި މިހާރު ހުރި ކޭސްތަކުގެ ޖުމްލަ އަދަދު 33 އަށް އަރާފައިވާ ކަމަށާއި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިނ 3 މީހަކު ރަނގަޅު ވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، އެ ރަށުން އިއްޔެ 16 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އަދި މިހާރު ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު 33 އަށް އަރާފައިވާ އިރު ބަލިން ރަނގަޅު ވެފައިވާ 3 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި ޖެހުނު މީހުންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގެ ދޮށީ އުމުރުގެ 2 މީހަކަށް ބަލި ޖެހިފައިވާ ކަމަށާއި އެތަނުން އެކަކަށް ދަނީ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ ތެރޭގައި 12 އަހަރުން ދަށުގެ 4 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި 4 މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ.

މިހާރު ދެއްވަދޫގެ ހާލަތު ހިއްސާ ކުރައްވަމުން ތައުފީގް ވިދާޅުވީ އެ ރަށުގެ ތިން ބައިކުޅަ އެއްބައި ގެތައް ހުރީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އެ ގޮތުން މިހާރު 56 ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ. ރަށުގައި މިހާރު އަމަލު ކުރަމުން ދަނީ އެޗްޕީއޭގެ ގައިޑްލައިން އާ އެއްގޮތަށް ކަމަށާއި ރަށުގައި ދިރިއުޅޭ މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި ވާއިރު ބޭނުން ވާ ތަކެތި ފޯރުކޮށް ދިނުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށަށް މި ހާލަތުގައި ގއ އަދި ގދ އަތޮޅުގެ ރަށްރަށުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން އެ ދެ އަތޮޅުގެ ކައުންސިލް ތަކުގެ އިތުރުން މިފްކޯ އާއި ގެމަނަފުށި މަސް ދޯންޏަކުން އެ ރަށަށް މަސް ފޯރުކޮށްދީފައި ވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު މިހާތަނަށް 300 އަށް ވުރެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ.

ދެއްވަދޫ ކޭސް އާ ގުޅުން ހުރި 2 ކޭސް އެއް ހުޅުމާލެއިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު ދެއްވަދޫގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ހަަމައެއާއެކު ދެއްވަދޫން ފެނިގެން އުޅެނީ، ކޮވިޑްގެ އާ ސްޓްރެއިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ޔަގީނެއް ނުވެއެވެ.