ޅ. ނައިފަރަށް މިއަދު މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މެންދުރު ފަހު 2:50 ހާއިރު ވަނީ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެގޮތުން މާލެއިން ނައިފަރަށް ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ހުއްޓުވައި ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެއެވެ.

އެ ފޮށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލައިގައި 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރު ކޮށްފައި ވާ އިރު ދެން ސައިކަލުގައި އިން މީހާ ކުށުގެ ވެށިން ފިލައިގެން ދިއުމުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 7:34 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ކޯޓު އަމުރު ނެރެގެން ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.