އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީ، ހޮޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމުން، އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ޕޮލިސް އެކެޑަމީ އިމާރާތް ކޮށްފައިވާ ބިން ބޭނުން ކުރުމާމެދު ނުވިސްނުމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެތަނަކީ މަތީ ތައުލީމު ދޭ އިންސްޓިޓިއުޓެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޒައާމަތުގައި އައްޑޫ ސިޓީގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ސުވާލު ކުރައްވާފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫސިޓީ މުޅި ދުނިޔެއަށް ހުޅުވިގެން ދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ޕޮލިސް އެކެޑަމީ، ހޮޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ލަތީފު ވިދާޅުވެފައި ވަނީ ރޭ "ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރެއިނިން ސްކޫލެއް އަޅަމުންދާއިރު، އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

އަދި އެކަމާ ގުޅޭގޮތުން ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ ލަތީފް ވަނީ އިންޑިއާ ހައި ކޮމިޝަނުން ބަޔާނެއް ނެރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ޓްރެއިނިން ސްކޫލް އާޅާ ނިމުމުން، އެތަން ދިވެހި ފުލުހުންނާއި ހަވާލުކޮށް އިންޑިއާ މީހުން ދާނެ ކަމަށް ބުނެ އިންޑިއާ ހައި ކޮމިޝަނުން ބަޔާނެއް ނުނެރޭނެ ކަމަށެވެ.

އަދި މިއީ އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ލަތީފް ވަނީ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ އެތަން ބަދަލު ކުރައްވާނެ ކަން ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕޮލިސް އެކެޑަމީ ހަދަމުން ދަނީ އައްޑޫގެ އެންމެ މުހިންމު ސަރަހައްދުގައި ކަމަށާއި، އައްޑޫގެ މުސްތަގުބަލަށް ވިސްނާ ނަމަ، ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ އެތަން ކަމަށެވެ. އެހެންކަމުން މޭޔަރު ކަން ލިބިއްޖެ ނަމަ، މި އަޅާ ޓްރޭނިން ސްކޫލް އެންމެން ގުޅިގެން ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.