ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައި ވާ 704 ފްލެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައި ވާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައި ދީފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލޭގައި އިމާރާތް ކޮށްފައި ވާ 704 ފްލެޓް ދޫކޮށްފައި ވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އުޒުވެރިވެފައި ވާ ފަރާތްތަކުން، ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

އެގޮތުން މިފަދަ ފަރާތްތަކަށް ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސާފައި ވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަމަށް އެދޭ ފަރާތްތަކުން ޖެނުއަރީ 31، 2021 ވާ އާދީއްތަ ދުވަހުގެ 02:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް މިނިސްޓްރީގެ އީމެއިލް އަށް މެއިލްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް ގަވާއިދުން ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ތެރެއިން، ހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، 6 މަސް ދުވަހުގެ ލުއި ދިނުމަށް އެދި ހުށަހެޅުމަށް ފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.