މާދަމާއިން ފެށިގެން މާލޭގެ ސްކޫލްތައް ހިމެނޭ ސަރަހައްދުގައި ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި އެއްވެސް މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓރާންސްޕޯތް އޮތޯރިޓީން މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ މާދަމާ ސްކޫލްތަކުގެ ކިޔެވުން ފެށުމާ ގުޅިގެންނެވެ. ޓްރާންސްޕޯޓުން ކުރި އިއުލާނުގައި ބުނީ މާލެ އަދި ހުޅުމާލޭގައި 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕަށް މާލެ ތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭނީ ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އާ ދެމެދުގައި ކަމަށެވެ. އެއީ ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން ބާވަތްތަކުގެ މުދާތައް ކަމަށް ވެސް ބުނެފައިވެ އެވެ.
ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާވާނެ ކަމަށާއި ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި ފެނާއި ގޭސް އުފުލޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އޭގެ އިތުރުން ބުރިޖް މަތިން ހުޅުމާލެއަށް މުދާ ގެންދިއުމަށް، ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖު މަތިން އުފުލޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެ އުޅަނދުތައް ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ. އަދި ދެ ޓަނުން މަތީގެ އުޅަނދު ބުރިޖު މަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މާލެ އަދި ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުނޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި ވެސް އުފުލޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.