ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މިމަހު 14 އަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައި މިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.

ނޮވެމްބަރު 28، 2019 ވަނަ ދުވަހު އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކޮށް ދިނުމަށް އެދި ވެސް ހައި ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގެ ޖުމްލަ 7 އަޑުއެހުމެއް ހައި ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަޑުއެހުންތަކުގެ ހުލާސާ:

ޖެނުއަރީ 28، 2020: މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ބެއިލް ދިނުމަށާއި ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށެވެ. ބެއިލް ކުރުމާ ބެހޭގޮތުން ދެފަރާތުން ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ފަހު ގޮތް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެފައެވެ.

ފެބްރުއަރީ 6، 2020: މި އަޑުއެހުމުގައި ރިޔާސަތުން ނިންމީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރެވެން ނެތް ކަމަށާއި، އަދި ބެއިލް ދެވެން ނެތް ކަމަށް ނިންމާފައެވެ.

ފެބްރުއަރީ 24، 2020: މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ބެއިލްއާމެދު ރިޔާސަތުން ނިންމި ގޮތް ރިވިއު ކުރަން އެދިފައި، ނަމަވެސް ރިޔާސަތުން ނިންމީ ބެއިލްއާމެދު ނިންމި ގޮތް ރިވިއު ކުރަން ނުޖެހޭ ކަމަށެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އިސްތިއުނާފީ 75 ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރެއިން އެ އަޑުއެހުމުގައި ތަފްސީލުކޮށް ދެވުނީ 10 ނުކުތާއެކެވެ.

މާޗް 3، 2020: މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ކުރީ އަޑުއެހުމުގައި ހުށަހެޅި 75 ނުކުތާގެ ތެރެއިން 65 ނުކުތާ ތަފްސީލުކޮށް ދީފައި ވެއެވެ. ނުކުތާތައް ތަފްސީލުކޮށްދީ ނިމުމުން، ރިޔާސަތުން ވަނީ، މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން އެދެނީ ކޮންކަމެއް ކޮށްދިނުމަށްތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި، ރައީސް ޔާމީންގެ ވަކީލުން ވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ހިލާފު ހުކުމެއް ކަމަށް ބުނެ، އެ ހުކުމް ބާތިލު ކޮށް ދިނުމަށް އެދިފައެވެ.

މާޗް 5، 2020: މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވުމަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން، ދައުލަތުން ވަނީ ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރި 75 ނުކުތާ 6 ނުކުތާއަކަށް ބަހާލާ، ޖުމްލަ ގޮތެއްގައި 6 ނުކުތާ ތަފްސީލުކޮށްދީފައެވެ.

ޖުލައި 8، 2020: މި އަޑުއެހުމަކީ، ފަހުބަސް އިއްވުމަށް ބޭއްވި ޝަރީއަތެެވެ. ފަހު ބަސް އިއްވުމަށް ފުރުސަތު ދެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވީ ވަކީލުންނާ ބައްދަލު ކުރައްވައި ޖަވާބު ތައްޔާރުކުރުމަށް ފުރުސަތެއް ދެއްވުމަށެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ވަކީލުންނާ ބައްދަލު ނުކުރެވޭ އިރު، ފޯނުން ގުޅުއްވައިގެން ވާހަކަ ދެއްކުމަށް ލިބޭިވަޑައިގަންނަވާ 10 މިނެޓްގައި ހުރިހާ މަޝްވަރާއެއް ނުކުރެއްވޭ ކަމަށެވެ.

ސެޕްޓެމްބަރު 1، 2020: މި އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. މި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން އޮތް ސަރުކާރުތަކުން އެއިރު އުފައްދާފައިވާ ޓޫރިޒަމް ޕްރޮމޯޓުކުރާ ކުންފުނިތަކަށް ދީފައިވާ ރަށެއް ކަމަށެވެ. އަދި ވޮޑަމުލާ ކުއްޔަށް ދިންކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަން ޖެހޭ ސަބަބެއް ވެސް ދައުލަތަށް ސާބިތުކޮށް ނުދެވުނު ކަމުގައި ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.