ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި ވަނީ އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އައި ލޯކަލް ކައުންސިލް އިންތިހާބު މާޗް މަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓަށް ކަމޭ ހިތާކަމަށް ދައުވާކުރި އެމްޑީޕީން މިއަދު އެކަމަށް އިންކާރު ކުރާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ކަމަށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޑރ. ޖަމީލު ވަނީ ވިދާޅުވީ ހުރިހާ ޑިމޮކްރެސީތަކުގައި ވެސް އިންތިހާބު ދަނީ ބާއްވަމުން ކަމަށާއި މިއީ އެމްޑީޕީން ރައްޔިތުންނާއި ދެކޮޅަށް ކުރާ ބަޣާވާތެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ވެސް ކުރެވެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފެބްރުއަރީ މަހު މަޖިލިސް ހުޅުވެން ވާއިރަށް ގާނޫނަސް އިސްލާހު ގެނައުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.