އިންޑިއާގެ ހިމާޝަލް ޕްރަދޭޝް ސަރަހައްދުން ސާމްޕަލް ނެގި ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން 1800 ސާމްޕަލްއެއް، އޭވިއަން އިންފުލުއެންޒާ (ދޫނީ ރޯގާ) އަށް ޕޮޒިޓިވްވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހިމާޝަލް ޕްރަދޭޝްއަކީ އިންޑިއާއިން ދޫނި ރޯގާގެ ކޭސްތައް ރެކޯޑް ކުރި 5 ވަނަ ސްޓޭޓެވެ.

އޭވިއަން އިންފްލުއެންޒާއަކީ އެޗް-ފައިވް-އެން-ވަން އިންފްލުއެންޒާ ވައިރަހުން ޖައްސާ، ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް އިންފެކްޝަން/ބައްޔެކެވެ. މިއީ އިންސާނުންގެ ހަށިގަނޑަށް ވާރުތަވުމުގެ ބާރުވެސް ލިބިފައިވާ ރޯގާއެކެވެ.

އިންޑިއަން ވެޓްރިނަރީ ރިސާޗް އިންސްޓިޓިއުޓްގެ ޕްރިންސިޕަލް ޗީފް ކޮންޒަވޭޓާ އޮފް ފޮރެސްޓްސް، އަރްޗަނާ ޝަރުމާ ވިދާޅުވީ، ލިބުނު މައުލޫމާތަކާ ގުޅިގެން (މަރުވެފައިވާ) ދޫނިތަކުން ސާމްޕަލް ނެގި ނެގުމުން އެނގުނު ގޮތުގައި، މި ދޫނިތަކުގެ ހަށިގަނޑުން އޭވިއަން އިންފްލުއެންޒާގެ އަސަރު ފެނިފައި ވާ ކަމަށެވެ.

މިއާއެކު ހިމާޝަލް ޕްރަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ކަންގްރާ ޑިސްޓްރިކްޓްގެ ޕޮންގްގެ ޗަކަ ބިންތަކުގެ ވަށައިގެންވާ 10 ކިލޯމީޓަރު ސަރަހައްދަށް އިންސާނުން ނުދިއުމަށް ގޮވާލާފައެވެ.

އިންޑިއާއިން އެތައް ސަތޭޖަ ދޫންޏެއް މަރުވުމުގެ މައްސަލަ ފެންމަތިވެފައި ވާއިރު، އަސްލަކީ ދޫނި ރޯގާކަން ކަށަވަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި ހަރްޔާނާ، ރާޖަސްތާން، ކެރެލާ އަދި މަދްޔަ ޕްރަދޭޝް ހިމެނެއެވެ.