ގާނޫނު އަސާސީއާ ހިލާފަށް ކައުންސިލް އިންތިހާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، އަންނަ މާޗު މަހު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވެ، ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭތީ އެކަން ކުރައްވަމުން ގެންދަވާ ކަން ހާމަ ކުރައްވާފައި ވަނިކޮށެވެ. ޑރ. ދީދީ ވިދާޅުވީ، ހެލްތް އެމަޖެންސީ ދެމިއޮތަސް ގައުމު އޮތީ ލޮކްޑައުންގެ ހާލަތަކު ނޫން ކަމަށެވެ. ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް، ގާނޫނީ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި ޖަވާބުދާރީ ކުރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވެފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗު މަހު އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެފައި ވަނީ، ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބާއްވަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ނުބޭއްވި ފަސް ކުރީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.