ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ، އަންނަ މާޗު މަހުގެ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށާއި، ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ތަކެއް ގެންނަން ޖެހޭތީ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ޝަރީފު ވިދާޅުވެފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗު މަހު އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ކުރެވެން ނެތް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޝަރީފު މިހެން ވިދާޅުވެފައި ވާއިރު، އީސީގެ މެންބަރު އިސްމާއިލް ހަބީބު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާފައެވެ. އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭތީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާން ކުރާ އިންތިހާބު، ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށް އެ ގާނޫނުގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހު ކޮށްދިނުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ނުބޭއްވި ފަސް ކުރީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.