ގައުމީ އެއާލައިން މޯލްޑިވިއަން ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތުމުން އެ އެއާލައިން އިސްލާހު ކުރުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް 2 އަހަރުވެގެން ދިޔަ އިރު ދަރަނި ހުރީ 600 މިލިއަން ރުފިޔާގައި ކަމަށާއި އެހެންކަމުން މޯލްޑިވިއަން ބަނގުރޫޓު ވެދާނެކަމުގެ ބިރު އޮތުމުން އެ ކުންފުނި އިސްލާހު ކުރަންޖެހޭ ކަމަށެވެ.

ކުރީ ސަރުކާރު 2018 ވަނަ އަހަރު ނިމުނުއިރު، ގައުމީ އެއާލައިންގެ އާމްދަނީ ގާތްގަނޑަކަށް 1.6 ބިލިއަންގައި ހުރި ކަމަށާއި ސާފު ފައިދާ ހުރީ 123 މިލިއަން ރުފިޔާގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގައި އިތުރަށް އެ ކުންފުނި ދަރަނިވެރިވަމުންދާ ކަމަށާއި އެހެންކަމުން އެ ކުންފުނީގެ ހާލަތު ބަދަލު ކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ މަހު 16 ވަނަ ދުވަހު އާންމު ކުރި 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ގައުމީ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނަށް ވަނީ 110 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. ޕީސީބީގެ ރިޕޯޓުގައި ބުނީ އެ ކުންފުންޏަށް ލިބުނު ގެއްލުން އިތުރުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، އެކުންފުންޏަށް އާމްދަނީ ލިބުނު ގިނަ ކަންތައްތައް ހުއްޓުމަކަށް އައުމުން ކަމަށެވެ. އެގޮތުން ފްލައިޓު ދަތުރުތަކާއި ސީޕްލޭން އޮަޕަރޭޝަންތައް ހުއްޓުމުން ޕެސެންޖާ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 257 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.