ހއ. ކޭލާގައި "ވައިލެޓް ޕާކް" ގެ ނަމުގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. މިއީ މި ސަރުކާރުން ހެދި ފުރަތަމަ ކުޑަކުދިންގެ ޕާކެވެ.

ކެލާ ކައުންސިލުން ބުނީ، މި މަހުގެ 1 ވަނަ ދުވަހު ހުޅުވި މި ޕާކްގައި ބަހައްޓާފައިވާ ޕްލޭ ހައުސް އަކީ ޔޫތު މިނިސްޓްރީން ހަދިޔާ ކުރި އެއްޗެއް ކަމަށާއި އަދި އޭގެ އިތުރުން ވެސް އެ މިނިސްޓްރީން 10،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. ޖުމްލަ އެއް މަސް ދުވަހުގެ މުއްދަތުން އެ ޕާކުގެ މަސައްކަތް ނިންމާލެވިފައި ވާ އިރު ޕާކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

އާ އަހަރާ ދިމާކޮށް ކެލާގައި ހުޅުވި ޕާކާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ، ޔޫތް މިނިސްޓްރީގެ ފަރާތުން 36 ޕާކެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ދާއިރު އޭގެތެރެއިން އެއް ޕާކްގެ މަސައްކަތް ނިމި ކެލާގައި ކުޑަކުދިންގެ ޕާކް ހުޅުވާފައިވާ ކަމަށެވެ. އެ ޕާކްގެ މަސައްކަތް ނިންމާލުމަށް އެ ރަށު ކައުންސިލާއި ކެލާ ދާއިރާ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި 104 ރަށެއްގައި ޕާކް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ ޕާކްތައް އަޅާނީ އެ ރަށެއްގެ އާބާދީއަށް ބެލުމަށް ފަހުގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު އެ ޕާކް ހުޅުވާފައިވާ އިރު އެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ކުޑަކުދިން ގޮސްފައި ވެއެވެ.