ސުޕާރީ މަނާ ނުކުރާ ކަމަށާއި، ސުޕާރީގެ ޕެކޭޖިން ބަދަލު ކުރީމަ ބޭނުން ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްލާސްޓިކް މަދު ކުރުމަށް ގެނައި ގާނޫނީ ބަދަލުތައް ތަންފީޒު ކޮށްދެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ މަނާ ކަމަށް ކަނޑައެޅުމާއެކު ދިވެހިންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ.

އެގޮތުން ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ މަނާ ކަމަށް ބުނެ ނޫސްތަކުގެ ސުރުހީއަށް އެރުމާއެކު ބައެއް ފަރާތްތަކަށް ހީކުރެވުނީ ސުޕާރީ ރާއްޖެ އެތެރެ ކުރުން މަނަލީ ކަމަށެވެ. ނަމަވެސް އަސްލު މަނާ ކުރީ ޕްލާސްޓިކްގައި ބަންދު ކުރާ ސުޕާރީއެވެ. އެހެނިހެން ޕެކޭޖިންގައި ސުޕާރީ އެތެރެ ކުރެވޭނެއެވެ.

މީގެ އިތުރުން ވެސް 11 ބާވަތެއްގެ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެ ކުރުން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރެއިން ޖޫން 2021 ގައި މަނާ ކުރާ ތަކެއްޗަކީ:

  • ދިޔާ ތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ޕްލަސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުން ކުރާ ދިޔާތަކެތި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) އެވެ.

އަދި ޑިސެމްބަރު 2022 އިން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 30 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި، 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޝޭމްޕޫ އަދި ސައިބޯނި ފުޅި ވެސް މަނާ ވާނެއެވެ. އަދި ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ވެސް މަނާ ވާނެއެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިމަހު 22 ގައެވެ.