ތާޖް އެގްޒޯޓިކާ ރިސޯޓުގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:30 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެތާނގެ ފަޔާ އެންޑް ރެސްކިއު ޓީމު ދިޔައިރު އެ ރިސޯޓުގެ ފަޔާ ޓީމުން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެކަކަށް ވެސް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި އެމްއެންޑީއެފް ފަޔާ ޓީމް އެ ރިސޯޓުގައި ހަރަކާތްތެރި ވަމުން ދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިހާދިސާގައި ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

މިދިޔަ އަހަރު ވެސް ވަނީ މި ރިސޯޓުގެ މޫދު ކޮޓަރިތަކެއްގައި ރޯވެ، އަނދައި ހުލިވެފައެވެ. އެ ފަހަރު ފަސް ކޮޓަރީގައި ރޯވިއެވެ.