މަލިކަށް ދިވެހި ފަޅުވެރިންނާއެކު މޯލްޑިވިއަންގެ ސީޕްލޭނެއް ޖައްސައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، އިންޑިޔާގެ މަލިކަށް ދިވެހި ފަޅުވެރިންނާއެކު، ދިވެހި ގައުމީ އެއާލައިންގެ ސީޕްލޭންގައި ކުރި ދަތުރަކީ ތާރީހީ ދަތުރެއް ކަމަށެވެ. މީގެ ކުރިން މަލިކަށް މިނޫން އެއްވެސް އެއާލައިނެއްގެ ބޯޓެއް ޖެއްސި ކަމަކަށް ތާރީހުން ނުދައްކާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން އިންޑިޔާގެ މަލިކުގައި މިއަދު ޖައްސާފައި ވަނީ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އިންޑިއާގެ އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ސީޕްލޭން ދަތުރުތައް ފަށާފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ. އެގޮތުން މި މަޝްރޫއު ފެށުމަށް ރާއްޖޭގެ ޕައިލެޓުންނާއި ކްރޫންގެ އެހީތެރިކަން ހޯދާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގައި ސީޕްލޭން ދަތުރު ކުރުމުގެ މަޝްރޫއު މިދިޔަ އޮކްޓޯބަރު މަހު ފަށާފައިވާއިރު މި ކަމުގައި ރާއްޖެއިން އެހީ ހޯދާފައި ވަނީ ސީޕްލޭން ދުއްވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމަކީ ރާއްޖެ ކަމުގައި ވާތީ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތަކެވެ.