ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޒުވާންް ދުވަސްވަރު ކުޅެން އުޅުއްވި ތަނުގައި ހެދި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

ލޮނުޒިޔާރަތްކޮޅުގައި ރޭ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު ޝާހިދު ވަނީ އެދުވަސްތަކުގެ ހަނދާން އާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ދަނޑުގައި ހުއްޓުމުން ހަނދާން ސޮއްސާލައިގެން ދަނީ، "ބޮލުގައި ތަންކޮޅެއް ގިނައިން އިސްތަށި ހުރި ޒަމާނަކަށް" ކަމަށެވެ. އެގޮތުން އެއީ މަދުރަސީ ދައުރު ކަން ފާހަގަ ކުރައްވާ މަދަރުސާގައި އުޅުއްވި ޒަމާނުގައި ސްކޫލް ނިމޭ ރަނގަބީލު ޖަހާނީ 3:25 ގައި ކަމަށާއި ހަނދާން ހުންނަ ގޮތުން، 3:45 ގައި ހުންނަވަނީ އެ ސަރަހައްދުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ތަނަށް ކިޔަނީ އަޑި ޕާކު ކަމަށާއި އެތަނުގައި އޮންނާނީ މަޑު ފަސްގަނޑަކާ އަކިރި ކަމަށެވެ. އަދި ކުޅޭ ބޯޅަ ތައްޔާރު ކޮށްފައި ހުންނާނީ ފުއްޕާހަމުގެ ވަށައިގެން ފޮތި އޮޅައިގެން ކަމަށް މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ތިބޭފުޅުންނަށް ވުރެ މާ އިހުޒަމާނުގެ ވާހަކައެއް ކުއްލިއަކަށް މިދަންނަވާލެވުނީ. އެހެންނަމަވެސް، މިހަނދާން އާ ކޮށްލުމުގެ ބޭނުމަކީ މި ޝަރަފުވެރި ބިމަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯލަ ކުޅުންތެރިން، އެކުޅުންތެރިންގެ އެންމެ ޒުވާން ދައުރުގައި ކުޅެމުން އައި ބިމެއްކަމުގައި ވާތީ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މަޝްހޫރު ނަން ހިނގާ ކުޅުންތެރިންގެ ތެރެއިން ކުޑަ މޫސަ އާއި އަންދަރޭ ކަހަލަ ކުޅުންތެރިންނަކީ އެ ފަސްގަނޑުގައި އުފެދިގެން އައި ކުޅުންތެރިން ކަމަށް މިނިސްޓަރު ވަނީ ވިދޅުވެފައެވެ.

އެޝަރަފުވެރި ބިމުގައި އަޅުގަނޑުމެން މިއަދު މިތިބީ. އެހެންނަމަވެސް މިއަދު މިތަނަށް ބަލާލާއިރު ފެނިގެން މިދަނީ ނަލަރީތި ފެހި ކުލައިގެ ޒަމާނީ ފުޓްސަލް ދަނޑެއް. ޒަމާން ބަދަލުވެއްޖެ. ކަންކަންކުރާ ގޮތް ބަދަލުވެއްޖެ. ކަންކުރުމުގެ ފެންވަރު ބަދަލުވެއްޖެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދުގެ ސަރުކާރުގައި ޒުވާނުންގެ ކަންތައްތަކާ ހަވާލުވެ ހުންނެވި ވަޒީރު، މަހުލޫފު ވަޒީރުކަމުގައި ހޭދަ ކުރެއްވި ގާތްގަނޑަކަށް 25 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ދޮޅު ދަނޑުގެ ނިސްބަތުން ގެންދެވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުތައް ގާއިމް ކުރަމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޅި އަހަރުގެ ބޮޑުބައި ކޮވިޑްގައި މުޅި ރާއްޖެ ބަންދުވެފައި، އެންމެން ގެދޮރުގައި ބަންދުވެފައި ކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތި ތިބި ނަމަވެސް މަހުލޫފަކަށް ގޮތެއް ހުހެއް ނުވި ކަމަށްވެ.

އެކަމަކު ޒުވާން މިނިސްޓަރަކަށް ގޮތެއް ހުހެއް ނުވޭ. އެމަނިކުފާނު ގެންދެވީ ދަނޑުތައް ގާއިމްކުރައްވަމުން. ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފަތުރުއްވަމުން. މިހާރުވެސް ހަމަ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިނގަމުން އެބަދޭ. މަދު އަދަދެއް ނޫން، 80 އަށްވުރެ ގިނަ ދަނޑުގެ މަސައްކަތް މިއަދުވެސް މިހާރުވެސް ހިނގަމުން އެބަދޭ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރައްވާފައި ޖެހިގެން އައި ދުވަހު ހަށިހެޔޮ ދުޅަހެޔޮ އީދެއް ފާހަގަކުރެއްވީ ކީއްވެގެން ކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ އެ ދުވަހު އަމާޒު ހިއްޕެވީ ޒުވާނުންނަށް ފުރިހަމަ ސިއްހަތަކާއެކު ކުޅިވަރު ކުޅެ، ޒުވާނުންގެ ކަންތައްތަކަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި މިދިޔަ 25 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި ދުވަސްތަކަކާއެކު ވެސް ގެންދެވީ އެމަސައްކަތުގައި ސާބިތުކަމާއެކު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.