ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ނަހީކުރައްވާފައިވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ކީރިތި ޤުރްއާނުގައި އަންގަވާފައި ވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށް ނުލައި މީހުންނަށް ހެޔޮކޮށް ހިތައި އަދުލުވެރިވުމަކީ މާތް ﷲ ނަހީ ކުރައްވާފައި ވާ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވުމާ ގުޅިގެން އެކަން ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ނަސާރާ ދީނުގެ މީހުން ކޮންމެ އަހަރަކު ޑިސެމްބަރު 25ގައި ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ދެއްވީ އެ ދުވަސް ފާހަގަ ކުރަމުންދާ މީހުންނަށް އަމާޒުކޮށް މިމަހު 25ގައި ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދުގެ ޓްވީޓާ ގުޅިގެން ރާއްޖޭގެ ގިނަ ދީނ އިލްމުވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމަކީ ބޮޑު ވެގެންވާ ނުބައެއް ކަމަށް އެ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. އެގޮތުން ނަޝީދާ ދެކޮޅަށް ހާމަކަން ބޮޑު ގޮތެއްގައި ތެދުވެވަޑައިގެންނެވި އެކަކީ ޝެއިހް ޑރ. މުހައްމަދު އިޔާޒެވެ.

އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ކުރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުއްވުމަކީ ދިވެހިންގެ މޫނު މަތީގައި ޖެއްސެވި ތަފާލެއް ކަމަށެވެ. އަދި މިފަދަ މީހަކު މަޖިލިސް ރައީސް ކަމުގައި ބަހައްޓާން ހެޔޮ ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުސްލިމަކު ކްރިސްމަސް ފާހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމުގައި ލާދީނީ ފިކުރު ފަތުރާ، ހައްދު ފަހަނައަޅާ ގޮސްފައި ހުރި ދީނުގެ އަދުއްވެއް ނޫނީ ނުބުނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައިންބަފައިން ދަސްކޮށް ދީފައިވާ އިސްލާމް ދީނާއި އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލު ކުރާ ބަޔަކަށް ތަހުނިޔާ ކިއުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށް ދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތް ކަން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއް ކަން ކަމަށެވެ.

މިކަމާ ގުޅިގެން ޑރ އިޔާޒާ ދެކޮޅަށް އެމްޑީޕީގެ ގިނަ މެންބަރުން ނިކުމެ ވަޑައިގެން ރައީސް ނަޝީދު ދިފާއު ކުރައްވާފައި ވާއިރު، ޑރ. އިޔާޒް ވަނީ އެ މެންބަރުންނަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މީހަކު ކުރާ ނުރަނގަޅު އަމަލަކަށް ތާއީދުކޮށް، އެކަމަށް ހިތްވަރު ދޭނީ، އެމީހާ ހަލާކު ކުރަން އުޅޭ މީހުން ކަމަށެވެ. އަދި ހެޔޮ އެދޭ މީހަކު ނަމަ ނުބައި ކަންތައް ރަނގަޅުކޮށް ދޭނެ ކަމަށާއި ރަނގަޅު ކަމެއް ކޮށްފިނަމަ އެކަމުގައި ދެމި ހުރުމަށް ހިތްވަރު ދޭނެ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.