ރައްޔިތުންގެ މަޖިލލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވުމާ ގުޅިގެން އެކަމާ ދެކޮޅާށް ޝެއިހް ޑރ. މުހައްމަދު އިޔާޒް ނިކުންނެވުމުން އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ނަސާރާ ދީނުގެ މީހުން ކޮންމެ އަހަރަކު ޑިސެމްބަރު 25ގައި ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ދެއްވީ އެ ދުވަސް ފާހަގަ ކުރަމުންދާ މީހުންނަށް އަމާޒުކޮށް އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. މިކަމާ ގުޅިގެން ޝެއިހް ޑރ. އިޔާޒް ވަނީ ރައީސް ނަޝީދަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ކަރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމަކީ ދިވެހިންގެ މޫނު މަތީގައި ޖެހި ތަފާއްޔެއް ކަމަށެވެ. އަދި މިފަދަ މީހަކު މަޖިލިސް ރައީސް ކަމުގައި ބަހައްޓާން ހެޔޮ ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުސްލިމަކު ކްރިސްމަސް ފާހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމުގައި ލާދީނީ ފިކުރު ފަތުރާ، ހައްދު ފަހަނައަޅާ ގޮސްފައި ހުރި ދީނުގެ އަދުއްވެއް ނޫނީ ނުބުނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައިންބަފައިން ދަސްކޮށް ދީފައިވާ އިސްލާމް ދީނާއި އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލު ކުރާ ބަޔަކަށް ތަހުނިޔާ ކިއުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށް ދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތް ކަން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއް ކަން ކަމަށެވެ. މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެ ނަމަ އެމަނިކުފާނުގެ ހުރި ނުބައިކަން ދައްކާނެ ކަމަށް ވިދާޅުވި މީހެއް ކަމަށާއި، އަދި އެއީ އެމަނިކުފާނުގެ ޕާޓީ މީހުންނަށް ނަގަން ވީ އެއްޗެއް ނަގާފައި ނޫނީ އެހެން މީހަކަށް ނުދޭނެ ކަމަށް ބުނާ މީހެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ މެންބަރުން

ރައީސް ނަޝީދު ދިފާއު ކުރައްވަން ނިކުމެ ވަޑައިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ވިދާޅުވެ ޑރ. އިޔާޒް ހެއްދެވީ ގޯހެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމް ދީން ގަބޫލު ކުރައްވާ، އެ ދީނަށް އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ ދީނުގެ އަދުއްވުން ކަނޑައެޅުމަށް އޮންނަނީ ގާނޫނު ކަމަށާއި ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ޑރ. އިޔާޒް ގެންދަވަނީ ހިލާފް ވެލައްވަމުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޑރ. އިޔާޒްގެ ބަސްފުޅުތަކުން އިސްލާމް ދީނަކީ ޖަދަލްވެރި އުސޫލުތަކެއްގެ ދީނެއް ކަމަށް ފެންނަ ކަމީ ހިތާމައެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަން ފާހަގަ ކުރައްވާ ހަސަން ލަތީފް ވިދާޅުވީ މީހުންގެ އަގީދާ މިނެ ކިރާ، ދީނުގެ އަދުއްވުން ކަނޑައެޅުމަކީ ޑރ. އިޔާޒަށް އޮތް ކަމެއް ނޫން ކަމަށެވެ.

ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަކީ އޭނާ ދަންނަން ފެށީއްސުރެ ގެނިފައިވާ ގޮތުގައި އިސްލާމް ދީނަށް އިހްތިރާމްކޮށް، ދީނުގެ ކަން ކަމަށް ލޯބި ކުރާ ނަމާދުކޮށް ރޯދަ ހިފާ، ނިކަމެތިންނަށް އެހީތެރިވަމުންދާ ބޭފުޅެއް ކަމަށެވެ.

ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވެސް ނިކުމެ ވަޑައިގެންނެވިއެވެ. ޝިއްޕެ ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ޑރ. އިޔާޒް ސިފަ ކުރެއްވުމަށްވުރެ ދެރަ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ވިޔަސް އަދި ކޮންމެ އިސްލާމެއްގެ އިސްލާމް ކަމަކީ އެމީހަކާއި މާތްﷲއާ ދެމެދު އޮންނަ ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ޑރ. އިޔާޒް ގޮތް ނިންމަވަން އޮންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑރ. އިޔާޒް މިފަދަ ވާހަކަ ދެއްކެވުމުން އިތުރުވަނީ ފިތުނައާއި ބައިބައިވުން ކަމަށެވެ.