އަންނަ އަހަރު ކުރީކޮޅު ށ. ކީކިމިނި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ ކީކިމިނީގައި ހުރި ފެސިލިޓީ ހުޅުވުމާއެކު މަސް ގަންނަން ފެށޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ކީކިމިނީގައި މަސް ގަތުމާއި މަސް ރައްކާކުރެވޭނެ އިންތިޒާމުގެ އިތުރުން މަސްފިނި ކުރުމަށް ބޭނުންވާ އައިސް ލިބުމުގެ އިންތިޒާމު ވެސް ހަމަޖެއްސިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޒަހާ ވިދާޅުވީ ކީކިމިނި ފެސިލިޓީއަކީ މިހާރު ވެސް ހަދާފައި ހުރި ތަނަކަށް ވުމުން ބައެއް ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު މަސް ގަންނަން ފައްޓަވާނެ ކަމަށެވެ.
ޒަހާ ވިދާޅުވީ ކީކިމިނި ފެސިލިޓީ ތަރައްގީކޮށް އޮޕަރޭޝަނަށް ހުޅުވާލުމާއެކު ފެލިވަރަށް މަސްކިރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.
މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް މިމަހު 22 ވަނަ ދުވަހު ވަނީ ޅ. ފެލިވަރުގައި މުޒާހަރާ ކޮށްފައެވެ.
ފެލިވަރުގައި މަސްވެރިން ކުރި މުޒާހަރާގައި މަސްވެރިން ކޮށްފައިވާ ޑިމާންޑުތަކުގެ ތެރޭގައި މަހުގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުމާއި ލުއި ފަސޭހަކޮށް ފެލިވަރުން އައިސް ލިބެނޭ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުން ކުރަން ފެށުމާއި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
ފެލިވަރަށް މަސްކިރަން ދާ މަސްވެރިން ގިނަ ދުވަސްތަކެއް ވަންދެން މަސް ނުކިރި ކިއުގައި މަޑުކުރަން ޖެހެއެވެ. އަދި ތާޒާކޮށް މަސްތައް ބެހެއްޓުމަށް ބޭނުންވާ އައިސް ނުލިބުމުގެ ސަބަބުން މަސްކިރަން ޖެހޭ ޓޯކަން ޖެހޭ އިރު މަސްވެރިން ބާނާފައި ހުންނަ މަސްތަކުގެ ކޮލިޓީ ދަށްވެގެން އެ މަސްތައް ނުކިރި އުކާލަން ޖެހޭ ފަހަރުވެސް އާދެއެވެ.
މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިން ވެސް އަންނަނީ އެ މީހުންގެ ކަނބޮޑުވުންވެސް ފާޅުކުރަމުންނެވެ. އެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ކަނޑުމަތީގައި 100 އެއްހާ ދޯނި އެކުވެގެން ބޭއްވި ޖަލްސާގައި އޮޑިވެރިން ވަނީ ކަންނެލި ހަމައަގުގައި ގަތުމަށް ގޮވާލާފައެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރާހެން މަސްވެރިންކަން ވެސް ޕްރޮމޯޓް ކުރުމަށާއި، ޓޫރިޒަމް އަށް ވަކިން މިނިސްޓްރީއެއް އޮތް ފަދައިން މަސްވެރިކަމަށް ވެސް ވަކި މިނިސްޓްރީއެއް ކަނޑައެޅުމަށާއި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.