ރިހިވެލި ދަ ޑްރީމް ރިސޯޓު ހިންގާ ފްރާންސްގެ "ސޭވް ދަ ޑްރީމް" ކުންފުނީގެ ހައްގު ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި ކަމާބެހޭ އެންމެހާ އިދާރާތަކަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ނިންމީ ރިހިވެލި ދަ ޑްރީމް ރިސޯޓުގެ ވެރި ފަރާތް ކަމުގައިވާ މާހަލް ޓުއާސްއާ ދެކޮޅަށް ސޭވް ދަ ޑްރީމް ކުންފުނިން އެ ކޯޓަށް ހުށަހެޅި މައްސަަލައިގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. ފްރާންސް ކުންފުނިން މި މައްސަލަ ސިވިލް ކޯޓަށް ވައްދާފައި ވަނީ، ރިސޯޓްގެ ވެރިފަރާތުން އެ ކުންފުންޏަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައި ވާތީއެވެ.

ސިވިލް ކޯޓުގައި ހިންގި ޝަރީއަތުގައި އެ ކޯޓުން ބުނީ، އެ ކޯޓުން ހުކުމެއް ކުރެވެންދެން ނުވަތަ ޝަރީއަތުން ވަކިގޮތަކަށް އަންގަންދެން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑް އިން ސޭވް ދަ ޑްރީމް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ދީފައިވާ ނޯޓިސް މަޑުޖައްސާލުމަށެވެ. އަދި ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީގެ ހައްގެއް ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑަށާއި ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.

ރިސޯޓުގެ ވެރިފަރާތް ކަމުގައި ވާ މާހަލް ޓުއާސް ޕްފައިވެޓް ލިމިޓެޑުން ފްރާންސް ކުންފުންޏާއެކު ފެބްރުއަރީ 15، 2018 ގައި އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމައަށް އެ ކުންފުންޏަށް ކުއްޔަށް ދިނުމަށެވެ.

ރިސޯޓްގެ ވެރިފަރާތުން، ފްރާންސް ކުންފުންޏަށް ދިނުމުގެ ކުރިން އެ ރިސޯޓް ކުއްޔަށް ދިން ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އަދި އެ މައްސަލަ ކޯޓުތަކުން ނިމުމުގެ ކުރިން ފްރާންސް ކުންފުންޏާ މެދު ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް ރިސޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި ރިހިވެލި ރިސޯޓް ފްރާންސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުން ވަނީ ބާތިލު ކޮށް، ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ.

ފްރާންސް ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މާހަލް ޓުއާސް އިން 2018 ވަނަ އަހަރު އެހެން ފަރާތަކަށް ވިއްކާލާފައި ވާތީ އާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ޣައިރުގާނޫނީ ގޮތުން ހިންގަމުން ދާތީ އެ ކުންފުނިން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަ ނުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. މި މައްސަލާގައި މާހަލް ޓުއާސްއިން ވަނީ އެމައްސަލަ އަކީ އިޖުރާއި ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓުގައި އިޖުރާއީ ނުކުތާއެއް ވެސް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވާނީ އެމައްސަލަ އަކީ ބެލޭނެ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، ޓޫރިޒަމް މިނިސްޓްރީން، ފްރާންސް ކުންފުންޏަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރަން އުޅޭ ކަމަށް ބުނެ އެ ކުންފުނީގެ ވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.