ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ސިއްސުވާލީ ރެކޯޑެއް ދަމަހައްޓަމުން އައި ޓައިވާންގައި ލޯކަލް ޓްރާންސްމިޝަނަކަށް މަގުފަހިވި ހާދިސާގައި ޝާމިލުވާ ނިއުޒީލަންޑްގެ ޕައިލެޓް، ވަޒީފާއިން ވަކިކޮށްފިއެވެ.

ޓައިވާންގައި ލޯކަލް ޓްރާންސްމިޝަނެއް ނުހިނގާތާ 250 އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އެ ޝަރަފު ގެއްލުނީ، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވި ކޭހަކާއެކުގައެވެ. އެމީހަކީ، އިވާންގެ އީވީއޭ އެއާ (އެވާގްރީން އެއާވޭޒް)ގައި މަސައްކަތް ކުރަމުން އައި ޕައިލެޓްގެ ކޮންޓެކްޓެކެވެ. އުމުރުން 30 އަހަރުގެ މި އަންހެން މީހާ، ނިއުޒީލަންޑަށް ނިސްބަތްވާ މި ޕައިލެޓާ ކޮންޓެކްޓްވީ ޑިސެމްބަރު 8 ވަނަ ދުވަހާއި 12 ވަނަ ދުވަހާ ދެމެދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބެލެވޭ ގޮތުގައި ޕައިލެޓަށް ކޮވިޑް-19 ޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އޭނާއަކީ ބަލީގެ ކުރީކޮޅު، އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހެއް ކަމަށް ބުނެވެއެވެ.

ޓައިވާންގައި އުސޫލުތައް ހަމަޖައްސާފައި އޮންނަ ގޮތުން، ދަތުރަކަށް ފަހު ޓައިވާނަށް އެތެރެވާ ޕައިލެޓުން 3 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. ޕައިލެޓުން ކޮވިޑް-19އަށް ޓެސްޓު ކުރަނީ ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމައެވެ.

ވަޒީފާއިން ވަކިކުރި ޕައިލެޓްގެ ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުރި ކަން ނޭނގި އޭނާ ވަނީ ވައިގެ އުދުހުންތައް ފުރިހަމަކޮށްފައެވެ. އެސިމްޓޮމެޓިކްކޮށް ހުރި ނަމަވެސް، އެމެރިކާއިން ޓައިވާނަށް ކުރި ދަތުރެއްގެ މަތީގައި އޭނާ ކެއްސި ކަމަށާ، އޭގެ ފަހުން ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޑިސެމްބަރު 20 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ޓައިވާނުން ލޯކަލް ޓްރާންސްމިޝަނެއް ރިޕޯޓް ކުރީ އޭގެ 2 ދުވަސް ފަހުންނެވެ. ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ތެރެއިން، އެއީ ޕައިލެޓްގެ ކޮންޓެކްޓެއްކަން އެނގުނެވެ.

ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ފިރިހެން ޕައިލެޓް، 10600 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. އެއީ ސައްހަ ގޮތުގައި ކޮންޓެކްޓުންގެ މައުލުމާތާއި، އޭނާ ކޮށް އުޅުނު ކަންކަން ބަޔާންކޮށް ދީފައި ނުވުމުންނެވެ.

ޕައިލެޓް ވަޒީފާއިން ވަކި ކުރަން ޖެހުނީ އޮޕަރޭޝަނަލް އުސޫލާ ހިލާފުވުމުގެ ސަބަބުން ކަމަށް އެއާލައިނުން ބުނެއެވެ. އެގޮތުން ކޮކްޕިޓް ތެރޭގައި މާސްކުވެސް ބޭނުން ކޮށްފައި ނުވާކަމަށްވެސް އީވީއޭ އެއާއިން ބުނެއެވެ.

ޕައިލެޓްގެ ސަބަބުން، އަންހެން މީހާގެ އިތުރުން އަދި 2 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ކަމަށް ބުނެވެއެވެ.

ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންހެން މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 170 މީހުން ފާހަގަކޮށްފައެވެ. ޕައިލެޓާއި އަންހެން މީހާ ދިޔަ ފިހާރަތަކެއްވެސް ޑިސްއިންފެކްޓްކޮށްފައި ވާއިރު، އެތަންތަނަށް ދިޔަ މީހުން ޓެސްޓު ކުރުމަށްވެސް ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ޓައިވާންއިން ފެންމަތިވި މި ހާދިސާއާއެކު އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެއާލައިންތަކުން އަމަލު ކުރަން ޖެހޭ މިންގަނޑުތައް ހަރުކަށި ކުރުމަށް ވިސްނަމުންނެވެ.

ޓައިވާންއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު އެއް މަންޒިލެވެ. އަސްލަކަށް ވީ ބޯޑަރުތައް ބަންދުކޮށް، ބޭރުގެ ފަރާތްތަކަށް ޓައިވާން މުޅިން ބަންދުކޮށްލުމެވެ. ޓައިވާންއަށް އެނބުރި އަންނަ ރަށްވެހިންނަށްވެސް ކަރަންޓީނު މަޖުބޫރެވެ. މާސްކު އަޅަން މަޖުބޫރު ކުރުވުމުގެ ކުރިންވެސް، ޓައިވާންގެ ރައްޔިތުން ދިޔައީ މާސްކު ބޭނުން ކުރަމުންނެވެ.

ޓައިވާންއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 777 މީހުންނެވެ. އަދި މި ބަލީގައި މަރުވި ކަމަށް ޓައިވާންއިން ރެކޯޑް ކޮށްފައި ވަނީ އެންމެ 7 މީހުންނެވެ.