ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ އިސީއަށް ޑީއަރްޕީން ދައްކަން ޖެހޭ 125،000 ރުފިޔާ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ގޮތުން އަންނަ މަހުން ފެށިގެން އެ ފައިސާ ދައްކަން ފަށަންވާނެ ކަމަށް އެ ހުކުުމްގައި ބަޔާން ކުރެއެވެ.

ޑީއާރުޕީން ދައްކަން ޖެހޭ 125،000 ރުފިޔާ އަކީ އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ޖޫރިމަނާކޮށް އީސީއަށް ދައްކަން އެދިފައިވާ ފައިސާއެވެ. އެ ގޮތުން 2016 ވަނަ އަހަރު 50،000 ރުފިޔާ، 2017 ގައި 25،000 ރުފިޔާ އަދި މިދިޔަ އަހަރު 50،000 ރުފިޔާ އިން ޑީއާރްޕީ ވަނީ ޖޫރިމަނާކޮށްފައެވެ. އީސީން ބުނިގޮތުގައި ގާނޫނުގައިވާ ގިނަ ކަންކަމާ އެ ޕާޓީން ހިލާފުވެފައި ވާތީ އެ ޕާޓީއަށް އެކި ފަހަރު މަތިން ވަނީ ނަސޭހަތް ދީ އިންޒާރުދީ އަދި ފިޔަވަޅު ވެސް އަޅާފައި ކަމަށެވެ.

ފައިސާ ހޯދަން އީސީން ކޯޓަށް ދިޔައީ ފައިސާ ދައްކަން ތިން ފަހަރެއްގެ މަތިން މުހުލަތު ދިނުމުން ވެސް ފައިސާ ނުދެއްކުމުންނެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ޑީއާރުޕީން އެ ދައުވާއަކަށް އިންކާރެއް ނުކުރެއެވެ.

ޑީއާރުޕީން އީސީ އަށް ދައްކަން ހުރި ފައިސާގެ އިތުރުން ބައެއް ކުންފުނިތަކަށް ވެސް އެ ޕާޓީން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ. އެގޮތުން ޑީއާރުޕީން 2007 ވަނަ އަހަރު ކޮށްފައިވާ ދަތުރުތަކެއްގެ އަގަށް ދައްކަން ޖެހޭ 24،000 އަށް ވުރެ ގިނަ ޑޮލަރު ހޯދަން ސަންލޭންޑް ޓްރެވެލްސްް އިން ވަނީ ފޮނުވާފައެވެ. މިކަމާ ގުޅީގެން ޑީއާރްޕީން ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކޮށް ދިޔައީ މެންބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ. އެ ދަރަންޏަށް އެ ބޭފުޅުން ޒިންމާކުރުުވަން ދައުވާކުރާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމަންދެން ބިލްތައް ދެއްކުން ހުއްޓާލައިފާ ކަމަށެވެ.

ޑީއާރުޕީއަކީ ރާއްޖެއަށް ފުރަތަމަ މަލްޓިޕާޓީ ނިޒާމު ތައާރަފްކުރި އިރު އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ޕާޓީ އެވެ. އެޕާޓީ އުފެއްދެވީ އޭރުގެ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެންނެވެ. އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި 2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި މައުމޫނަށް ނާކާމިޔާބުވެވަޑައިގެންނެވުމުން ޕާޓީގެ ލީޑަޝިޕުން ވަކިވެވަޑައިގެންނެވިއެވެ.

އެއަށްފަހު އެ ޕާޓީގެ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި، ވަޑައިގަތް ފަހުން ގިނަ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހި މާލީ ބޮޑެތި ގޮންޖެހުންތަކެއް އެ ޕާޓީއަށް ވަނީ ކުރިމަތިވެފައެވެ. މިހާރު އެ ޕާތީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.