ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ސިއްސުވާލީ ރެކޯޑެއް ދަމަހައްޓަމުން އައި ޓައިވާންގައި ލޯކަލް ޓްރާންސްމިޝަނަކަށް މަގުފަހިވި ހާދިސާގައި ޝާމިލުވާ ނިއުޒީލަންޑްގެ ޕައިލެޓްގެ ވަޒީފާ ގެއްލިދާނެ ކަމުގެ އިޝަރާތެއް، އޭނާ މަސައްކަތް ކުރާ ޓައިވާންގެ އީވީއޭ އެއާ (އެވާގްރީން އެއާވޭޒް) އިން ކޮށްފިއެވެ.

ޓައިވާންގައި ކޮވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ނުހިނގާތާ 255 ދުވަހުން އެފަދަ ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، ޕޮޒިޓިވްވީ، ނިއުޒީލަންޑްގެ ޕައިލެޓާ ކޮންޓެކްޓްވި މީހެކެވެ. ޓައިވާންގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ރެކޯޑަށް ބަލާއިރު ލޯކަލް ޓްރާންސްމިޝަން އުޅޭކަން ފާހަގަވީ، ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓް ވި، އުމުރުން 30 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ. އޭނާއަކީ ޑިސެމްބަރު 8 ވަނަ ދުވަހާއި 12 ވަނަ ދުވަހާ ދެމެދު، ބިދޭސީ ޕައިލެޓަކާ ކޮންޓެކްޓްވި އަންހެނެކެވެ.

އީވީއޭ އެއާ އިން ބުނީ، ޑިސިޕްލިނަރީ ކޮމިޓީއިން މައްސަލަ ބަލަމުން އަންނަ ކަމަށާ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އޭނާ ހިލާފުވި ނަމަ މަގާމުން ވަކި ކުރަންވެސް އިރުޝާދު ދީފާނެ ކަމަށެވެ.

ޓައިވާންގެ ސަރުކާރުން ވަނީ ޕައިލެޓް ޖޫރިމަނާވެސް ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ނިއުޒީލަންޑަށް ނިސްބަތްވާ ޕައިލެޓްގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގައި ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް އޭނާ ވަނީ ފެއިލްވެފައެވެ.

އީވީއޭ އެއާއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި މަގާމުގެ ރޭންކަށް ނުބަލާނެ ކަމަށާ، ގަވައިދާ ހިލާފު ވާ ނަމަ އެމީހަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފިޒު ކުރާ އުސޫލުތަކަށް ބޯލެނބުމުގައި އެއާލައިނުން ދެމި އޮތްކަން ސާބިތުކޮށްދިނުމަށް، ސަރުކާރަށް އެއްބާރުލުން ދެމުން ދާނެ ކަމަށްވެސް އީވީއޭ އެއާއިންވަނީ ހާމަކޮށްފައެވެ.

ޓައިވާނުން ލޯކަލް ޓްރާންސްމިޝަނެއް ހިނގައިގެން އެންމެ ފަހުން ރިޕޯޓް ކޮށްފައި އޮތީ އޭޕްރިލް 12 ވަނަ ދުވަހުއެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގެ ދަތުރުތަކަށް ބޯޑަރު ބަންދު ނުކުރާނެ ކަމަށް ޓައިވާނުން ވަނީ ބުނެފައެވެ. ޓައިވާންގެ ސިއްހަތާ ބެހޭ އިސް އޮފިޝަލަކު ވަނީ، މިހާރު ތަންފީޒު ކުރަމުންދަނީ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.