ރިހިވެލި ދަ ޑްރީމް ރިސޯޓު ހިންގުމަށް ފްރާންސްގެ "ސޭވް ދަ ޑްރީމް" ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރަން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ސޭވް ދަ ޑްރީމް ކުންފުނިން ވަނީ ރިހިވެލި ދް ޑްރީމް ރިސޯޓުގެ ވެރި ފަރާތް ކަމުގައިވާ މާހަލް ޓުއާސްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ފްރާންސް ކުންފުނިން މި މައްސަލަ ސިވިލް ކޯޓަށް ވައްދާފައި ވަނީ، ރިސޯޓްގެ ވެރިފަރާތުން އެ ކުންފުންޏަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައި ވާތީއެވެ.

ރިސޯޓުގެ ވެރިފަރާތް ކަމުގައި ވާ މާހަލް ޓުއާސް ޕްފައިވެޓް ލިމިޓެޑުން ފްރާންސް ކުންފުންޏާއެކު ފެބްރުއަރީ 15، 2018 ގައި އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމައަށް އެ ކުންފުންޏަށް ކުއްޔަށް ދިނުމަށެވެ.

ރިސޯޓްގެ ވެރިފަރާތުން، ފްރާންސް ކުންފުންޏަށް ދިނުމުގެ ކުރިން އެ ރިސޯޓް ކުއްޔަށް ދިން ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އަދި އެ މައްސަލަ ކޯޓުތަކުން ނިމުމުގެ ކުރިން ފްރާންސް ކުންފުންޏާ މެދު ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް ރިސޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި ރިހިވެލި ރިސޯޓް ފްރާންސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުން ވަނީ ބާތިލު ކޮށް، ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ.

ފްރާންސް ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މާހަލް ޓުއާސް އިން 2018 ވަނަ އަހަރު އެހެން ފަރާތަކަށް ވިއްކާލާފައި ވާތީ އާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ޣައިރުގާނޫނީ ގޮތުން ހިންގަމުން ދާތީ އެ ކުންފުނިން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަ ނުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. މި މައްސަލާގައި މާހަލް ޓުއާސްއިން ވަނީ އެމައްސަލަ އަކީ އިޖުރާއި ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށްބު ނެ ސިވިލް ކޯޓުގައި އިޖުރާއީ ނުކުތާއެއް ވެސް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވާނީ އެމައްސަލަ އަކީ ބެލޭނެ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، ޓޫރިޒަމް މިނިސްޓްރީން، ފްރާންސް ކުންފުންޏަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރަން އުޅޭ ކަމަށް ބުނެ އެ ކުންފުނީގެ ވެރިން ދނަީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.