ރ. ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅީ އަދީބާއި ޒިޔަތުގެ އިތުރުން ބައެއް މީހުންނާއި ގިނަ އަދަދެއްގެ ލިޔުންތަކެކެވެ. ސަން ކުންފުނިން ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.
އިތުރު 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުންޏަށް ކުރާ ދައުވާ ތަކަށް ވަނީ އިންކާރު ކޮށްފައެވެ.
ފުއްގިރި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވެފައި ވަނީ ދައުވާގެ ވާގިޔާގައި ހުރި ވާހަކަތައް ސާފު ނޫން ކަމަށާއި، އަދި އަދާބާއި ގުޅޭގޮތުން ދައުލަތުން ދެއްކި ވާހަކަތައްވެސް ސާފު ނުވާކަމަށެވެ.
އެގޮތުން ސަން އިންވެސްޓްމެންޓް ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން ރިޝްވަތެއް ނެންގެވި ކަމަށް ބުނެ އެއްވެސް ކޯޓަކުން މިހާތަނަށް ހުކުމެއް ކޮށްފައިނުވާ ކަން ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން ދައުލަތުން އެ ކުންފުނީގެ މައްޗަށް އިއްވާފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއަކަށް ނުވާތީ، ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާކަމަށް ކުންފުނީގެ ވަކީލުން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީ ބައެއް ހިޔާނާތާ ގުޅިގެން މިހާތަނަށް 3 ބޭފުޅަކަށް ދައުވާއެއް ކޮށް ހުކުމް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އަދީބުގެ އިތުރުން ޒިޔަތެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައިފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.