ހއ. ކެލާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން 3 ކުންފުންޏަކުން ބީލަން ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައިީސް އާދަމް ގުފްރާން ވިދާޅުވީ، ކެލާގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް 3 ކުންފުންޏަކުން ބީލަން ހުށަހަޅާފައިވާ ކަަމަށެވެ. އެއީ ބޭރުގެ ކުންފުންޏަކާއި ރާއްޖޭގެ ދެ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބީލަަމަށް ހުށަހެޅި ފަރާތްތަކުގެ އިވެލުއޭޝަންގެ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ގުފްރާން ވިދާޅުވިއެވެ.

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރި ކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ. އެ ހޮތާ ހިންގުމަށް ބީލަ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 17 އަށެވެ.

މި ހޮޓާ އެޅުމަށް ބިޑް ކުރަން ހުޅުވާލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

މީގެ ކުރިން ވެސް އެ މިނިސްޓްރީން ވަނީ އުލިގަންގައި ޔޮޓް މެރީނާއެއްގެ އިތުރުން ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލާފައެވެ. ނަމަވެސް އެ މަޝްރޫއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން އެ ބީލަން ކެންސަލްކޮށް ފަހުން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.