އަންހެނުންނާއި އަންހެނުން ކުދިން ރައްކާތެރި ކުރުމަށް ގާނޫނެއް ފާސްކުރަން ޖެހޭ ކަމަށް އދގެ ސްޕެޝަލް ރެޕަޗުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބްލީފް އަދި ދިވެހިރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު އެހެން ވިދާޅުވެފައިވަނީ ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް އިސްލާމީ ޝަރީއަތާ ހަވާލާދީ ހައިކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީދު ވިދާޅުވީ ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތަކަށް ކުރިމަތިވި ހުރަހެއް ކަމަށް ކަމަށާއި ހައިކޯޓުގެ މިހުކުމާއެކު ރޭޕްކުރުން ފަދަ ޖަރީމާ ހިންގާ މީހުންނަށް ކުށުން ބަރީއަވުމަށް މަގެއް ފަހިވެގެންދާނެ ކަމަށެވެ. ޝަހީދު ވިދާޅުވީ، އަންހެނުން އަދި އަންހެން ކުދިން ރައްކާތެރި ކުރުމަށް މަޖިލީހުން ގާނޫނެއް މިހާރު ފާސްކުރަން ޖެހޭ ކަމަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ކުޑަހުވަދޫ / ތާޖު، މުހައްމަދު ތައުފީގާއި ށ.ގޮއިދޫ / އަލި ފާތިމަތު ޝަމީމާ، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ތައުފީގުގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

އަދި އިސްލާމީ ޝަރީއަތުގައި ކަންކަން ޝަރީއަތަށް ސާބިތު ކުރުމުގެ ވަސީލަތް ތަކުގެ ތެރޭގައި އިގްރާރާއި ހެކިބަސް ހިމެނޭ ކަމަށައި ޒިނޭ ކުރިކަން ދެގޮތަކުން ޝަރީއަތަށް ސާބިތު ކުރެވޭ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިގްރާރު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމަށް ހައިކޯޓުން ބުނެއެވެ.

ތައުފީގު ޒިނޭ ކުރި ކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ އޭޕްރީލް 13، 2016 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާ އަކީ، އޭނާ މުހައްމަދު ތައުފީގާ އެކު ބަދުއަހްލާގީ އަމަލު ހިންގައި ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް އަންހެން މީހާ ބުނާ ކަމަށާއި އަދި އެ ކުއްޖާގެ ޑީއެންއޭ އާއި މުހައްމަދު ތައުފީގުގެ ޑީއެންއޭ އާ ދިމާވާ ކަމަށް ދެ ކޯޓުންވެސް ވަނީ ބުނެފައެވެ.

ތައުފީގުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައި ވަނީ، އޭނާ ޒިނޭކުރި އަންހެން މީހާ ވިހެއި ކުއްޖާ އަކީ، ތައުފީގާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އަންހެން މީހާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ އާ ދިމާވާތީއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ހުކުމުގައި ބުނީ އިސްލާމީ ޝަރީއަތުގައި ދަރި ނަފީ ކުރުމަށް ލިއާން ކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށާއި ނަސަބު ސާބިތުކޮށް ނަފީ ކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫން ކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.

އަދި ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައި ވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.